ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދަތުރުފުޅު ކުރެއްވި މަތިންދާބޯޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިބުމާއި ގުޅިގެން، ކުއްލި ހާލަތުގައި އެ ބޯޓު އެހެން ގައުމަކަށް ޖައްސައި، އެ މަނިކުފާނު އެހެން ފްލައިޓެއްގައި ވަޑައިގެންފި އެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ހާދިސާ ހިނގީ މިދިޔަ އަންގާރަ ދުވަހު، ޔުނައިޓެޑް އެއާލައިންގެ ބޮއިންގ 777 މަތިންދާބޯޓެއް ހޮނޮލޫލޫއިން ލޮސް އެންޖަލީސްއަށް ދަތުރުކުރަމުން ދަނިކޮށެވެ.
މި ބޯޓުގައި 339 ފަސިންޖަރުންނާއި 10 ކްރޫން ދަތުރުކުރި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މި ހާދިސާ ހިނގީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ނައިބު ރައީސް ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއަށް އެނބުރި ވަޑައިގަންނަވަން ފެއްޓެވި ދަތުރުފުޅުގައެވެ.
ބޮމު އިންޒާރާ ގުޅިގެން އެ މަނިކުފާނު ދެން ވަޑައިގަތީ އެހެން ފްލައިޓެއްގައެވެ.
ޔުނައިޓެޑް އެއާލައިންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބޯޓުގެ ފާހާނާގެ ލޯގަނޑުގައި ހިއްޕާފައި އޮތް ލިޔުމަކުން ބޮމު އިންޒާރު ލިބުމާއި ގުޅިގެން، ބޯޓު ވަނީ ރައްކާތެރިކަމާއެކު އަނބުރާ ހޮނޮލޫލޫގައި ޖައްސާފައެވެ.
އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.