ލީބިޔާއަށް އުފަން އާމިރް އަލް-މަހްދީ މަންސޫރް އަލް-ގައްޛާފީ ނަމަކަށް ކިޔާ މީހެއްގެ ޙައްޖު ދަތުރުގެ ވާހަކަ ސޯޝަލް މީޑިއާގައި އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ސައުދީ އަރަބިއާއަށް ފުރަން އާމިރް އެއާޕޯޓަށް ދިޔުމުން، އެއާޕޯޓު ސެކިއުރިޓީން އޭނާ ހިފެހެއްޓީ އޭނާގެ ނަމުގެ ފަހަތުގައި ”ގައްޒާފީ“ އިނުމުންނެވެ.
އާމިރް ޙައްޖަށް ފުރަން އޮތް ފްލައިޓަށް އަރުވަން އެ ފްލައިޓުގެ ޕައިލެޓު ދެކޮޅު ހެދިއެވެ. އަދި އެއާޕޯޓުގައި ދިމާވި މައްސަލަ ހައްލު ވަންދެން އޭނާ އިނީ އެތަނުގައި ބައިންދާފައެވެ. އޭނާ ޙައްޖަށް ފުރަން އުޅުނު ގްރޫޕުގެ އެހެން މީހުން އެ ފްލައިޓުން ފުރިއެވެ.
”އަހަރެން މަޑުކުރާނަން. މާތް ﷲ އިރާދަކުރައްވައިފިނަމަ އަހަންނަށް ޙައްޖަށް ދެވޭނެ“ އާމިރް ބުނެފައިވެއެވެ.
ދެން ފެނުނީ ހައިރާން ކުރުވަނިވި މަންޒަރެކެވެ. އާމިރް ފުރަން އުޅުނު ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އަނބުރާ އެއާޕޯޓަށް އަންނަން ޖެހުނީ އެވެ.
ނަމަވެސް އެފަހަރުވެސް އާމިރް ގޮވައިގެން ފުރަން ޕައިލެޓު ދެކޮޅު ހެދިއެވެ. އަދި ފްލައިޓު ނައްޓާލީ އޭނާ ނުލައެވެ.
ދެވަނަ ފަހަރަށް ވެސް ކަންތައްވީ ހަމަ އެފަދައިންނެވެ. ސައުދީ އަރަބިއާ އާ ހަމައަށް ވެސް އެ ފްލައިޓަށް ނުދެވުނެވެ. މައްސަލައެއް ދިމާވުމުގެ ސަބަބުން އެ ފްލައިޓަށް އަނބުރާ އަންނަން ޖެހުނީ އެވެ.
އެފަހަރު ޕައިލެޓު ބުނީ، އޭނާ އާމިރްއާ ނުލައި ނުފުރާނެ ކަމަށެވެ. އަދި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އާމިރް ފްލައިޓަށް އެރުމަށްފަހު، އެއްވެސް އިތުރު މައްސަލައެއް ނުޖެހި އެ ފްލައިޓަށް ވަނީ މައްކާއަަށް ދެވިފައެވެ.