ކ. މާފުށީގައި މިއަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ރަށު ކައުންސިލުން ތައްޔާރުވެއްޖެއެވެ.
މާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި އީދު ނަމާދާއި، އީދު ސައި އަދި ސަގާފީ ހަރަކާތްތަކުގެ އިތުރުން ގިނަ ކުޅިވަރު ހަރަކާތްތަކެއް ހިމެނެއެވެ.
މާފުށީ ކައުންސިލުން މަޢުލޫމާތު ދިންގޮތުގައި، އީދު ޝޯގައި އިކުއަޓިކް ވައިބް އާއި މާފުށި ސަގާފީ ގުރޫޕުން ޕާފޯމްކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން، ވަޅުއީދު ދުވަސްތަކުގައި ވާދެމުމުގެ މުބާރާތާއި، ކޯޑި ނެރުން، ނަލަ ކޯޑި ހިނގުން އަދި ރޮބޯމޭން އާއެކު މާލި ޕެރޭޑް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އީދު ޝޯގައި ސިމްބޮލިކް ރިކޯޑްސް، ހިޔަލަ ޑާންސް ގްރޫޕް، ނައު އެންޑް ދެން ބޭންޑް، ސްކައި ރޮކް ބޭންޑް އަދި ގެމާ ރޭޒްއާއި ޓްރެފިކް ޖޭމްގެ ހާއްސަ ހަރަކާތްތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި ލައިވް މިއުޒިކާއި ބާބަކިއު އަކާއެކު މަސްރޭހާއި، ކުލަ އާއި ފެންޖެހުމުގެ ކުޅިވަރުތައްވެސް ކުރިއަށްދާނެއެވެ.
ކައުންސިލުން ހާމަކުރިގޮތުގައި، ބޮޑު އީދުގެ ކުޅިވަރުތައް 4 ބަޔަކަށް ބަހާލެވިފައިވާއިރު، މި ހަރަކާތްތައް ހައްޖު ދުވަހުގެ ރެއިން ފެށިގެން 09 ޖޫން އާ ހަމައަށް ކުރިއަށްދާނެއެވެ.
އަދި ކޮންމެ ގޭބީސީއަކުންވެސް އެ ގެއެއްގެ ދޮރުމަތި ބޮކިފަތިން ދިއްލައި ޒީނަތްތެރި ކުރުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި އެންމެ ރީތިކޮށް އަދި އުފެއްދުންތެރިކަމާއެކު ޑިޒައިންކޮށް ދިއްލާ 3 ގޭބީސީއަކަށް، ކޮންމެ ގޭބީސީއަކަށް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫން 6 ވާ ހުކުރު ދުވަހެވެ.