މިވަގުތާ ހަމައަށް ދިވެހި 499 ހައްޖުވެރިން މައްކާއަށް ވާޞިލްވެއްޖެކަމަށާއި، ހުރިހާ ހައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ހައްޖު މިޝަނުން ދަނީ ހައްޖުވެރިންގެ ހާލު ވަރަށް ގާތުން ބަލަމުން ކަމަށާއި، ހައްޖު ކޯޕަރޭޝަނުން ވަނީ ފުރިހަމަ އިންތިޒާމުތަކެއް ކޮށްފައި ކަމަށެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް ދާ މީހުން މި މަހުގެ 26 ވަނަ ދުވަހު ފުރަން ފަށާފައިވާ އިރު، ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ސައުދީ އަރަބިއްޔާ އަށް ފުރާފައިވަނީ އެ ދުވަހުގެ ހަވީރުއެވެ.
އަދި ހައްޖުވެރިންގެ ދެވަނަ ގްރޫޕް، ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައި އިއްޔެ ހެނދުނު ވަނީ ފުރައިފައެވެ.
މި އަހަރުގެ ހައްޖު މޫސުމުގައި ”މައްކާ ރޫޓް އިނިޝިއޭޓިވް“ ގެ ދަށުން ހައްޖުވެރިންނަށް ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ އެންމެހައި ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމާލެވޭނެއެވެ.
މީގެއިތުރުން ހައްޖުވެރިންނަށް އެއާޕޯޓުގައި މަޑުނުކޮށް، ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އަދި ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ.
މިފަހަރުގެ ޙައްޖު ދަތުރު ވެގެންދާނީ ދިވެހި ޙައްޖުވެރިންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ޙައްޖު މޫސުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.