ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން މިއަހަރު ތަންފީޒު ކުރައްވާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ބޭއްވުނު ކިޑްނީ ބަލީގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމެވެ.
”ކިޑްނީ ފެއިލްވެފައިވާ މީހުންނަށް ދެވޭ އެންމެ އަސާސީ އެއްފަރުވާއަކީ ޑަޔަލިސިސްގެ ޚިދުމަތް. މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ވަނީ ނިންމާފައި“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ޑަޔަލިސިސް ސެންޓަރު ބެހެއްޓުމުގެ މަސައްކަތް ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތައް އިތުރުވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ބައްޔާމެދު ސަމާލުވެ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.
މި ފިޔަވަޅަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބިދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މިކަމުގެ ސަބަބުން ކިޑްނީ ބަލީގެ ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ބަލިމީހުންނަށާއި އެމީހުންގެ ޢާއިލާތަކަށް ލުއިފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.