ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މާލެއާއި ހުޅުމާލެ އަދި ހުޅުލެ ގުޅުވާލި ”ސިނަމާލެ“ ބުރިޖު ހުޅުވުނު ދުވަސް ކަމަށްވާ އޮގަސްޓް 30 އަކީ ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް“ ގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.
މިކަން ހާމަކާމަކޮށްފައިވަނީ އިއްޔެ ރައީސް އޮފީހުން ނެރުއްވި ޚާއްޞަ އިޢުލާނެއްގައިއެވެ. މި އިޢުލާނުގައި ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބުރިޖު އިފްތިތާޙު ކުރެވުނު ދުވަހަކީ އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ އެ ދުވަސް ކަމަށް ރައީސް ނިންމަވާފައިވެއެވެ.
ރައީސް އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުންނެވެ.
ސިނަމާލެ ބުރިޖަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޗައިނާގެ ހިލޭ އެހީގެ ދަށުން ބިނާކުރެވުނު ބުރިޖެކެވެ. މި ބުރިޖުގެ މަސައްކަތް ނިމި، ރަސްމީކޮށް ހުޅުވުނީ 2018 ވަނަ އަހަރުގެ އޮގަސްޓް 30 ވަނަ ދުވަހުއެވެ. އެ ދުވަސްވަރު ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ. އޭރުގެ ހައުސިން މިނިސްޓަރަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިބްރާހީމެވެ.
މި ނިންމުމާއެކު، ކޮންމެ އަހަރެއްގެ އޮގަސްޓް 30 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ޚިދުމަތްތައް ފާހަގަކޮށް، އެ ދާއިރާގެ އަގުވަޒަންކުރެވޭ ދުވަހަށް ވެގެންދާނެއެވެ.