ލޯކަލް ކައުންސިލްތަކުގެ ނިޒާމަށް އިސްލާހު ގެނައުމަށް ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ހުށަހަޅުއްވައިފިއެވެ.
މި ގަރާރުގައި އެންމެ ބޮޑަށް އަލިއަޅުވާލައްވާފައިވަނީ ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ މުހިންމުކަމާއި، މިހާރުގެ ނިޒާމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރަމުންދާ ބޮޑު ހަރަދުތަކުގެ މައްޗަށެވެ.
ގަރާރުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ބޭއްވުނު ހަތަރު ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ އަދަދެއްގެ ކައުންސިލަރުން އިންތިޚާބުކުރެވި، އެކަމަށް ބިލިއަނުން ޚަރަދުކުރެވިފައިވާއިރު، މި ނިޒާމުގެ ސަބަބުން ރަށްތަކުގެ ހިންގުމަށް ފާހަގަކުރެވޭފަދා ކުރިއެރުމެއް ލިބިފައިނުވާކަން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، އާބާދީ ކުޑަ ރަށްތަކުގައި ވެސް މަދުވެގެން ފަސް ކައުންސިލަރުން ތިބެންޖެހުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއްކަމަށާއި، މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހޭކަން ވެސް ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ރަށްތަކުގެ އާބާދީއާއި ޒިންމާތަކުގެ ތަފާތު ބެލުމެއްނެތި ހުރިހާ ކައުންސިލަރުންނަށް އެއްވަރެއްގެ މުސާރައާއި އިނާޔަތްތައް ދެމުންދާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
މި ގަރާރު ހުށަހެޅުއްވުމުގެ މަޤްޞަދަކީ ލޯކަލް ކައުންސިލްތަކުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޚަރަދު ކުޑަކޮށް، އަދި ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިކުރުންކަމަށް ބެލެވެއެވެ.