ސިނަމާލެ ބުރިޖަކީ ޗައިނާ އަދި ދިވެހިރާއްޖޭގެ އިންޖިނިއަރުންގެ ކުރިއެރުން ދައްކުވައިދޭ ނަމޫނާއެއްކަމުގައި ޗައިނާގެ ސަފީރު ވިދާޅުވެއްޖެއެވެ.
އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމާ ގުޅިގެން ސަފީރު ކޮންގް ޒިއަންހުއާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި، ސިނަމާލެ ބުރިޖަކީ ދެ ޤައުމުގެ އިންޖިނިއަރުންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދޭ މަޝްރޫޢެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި މި ބުރިޖުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިފައިވާކަމަށް ވިދާޅުވިއެވެ.
ސަފީރުގެ ޕޯސްޓުގައި، އެކަމުގައި ބައިވެރި އިންޖިނިއަރުންނަކީ މުޖުތަމަޢުގެ ތަރައްޤީއަށް މުހިންމު ދައުރެއް އަދާ ކުރެއްވި ބައެއްކަމަށާއި، އެ ފަރާތްތަކަށް އެކަށީގެންވާ އިޙްތިރާމާއި ޤަދަރު ލިބެންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ސިނަމާލެ ބުރިޖަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށްދޭ ތަނބެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޯގަސްޓު 30 އަކީ އިންޖިނިއަރުންގެ ދުވަސްކަމުގައި ކަނޑައަޅުއްވާފައެވެ. މި ދުވަހަކީ 2018 ވަނަ އަހަރު ސިނަމާލެ ބުރިޖު އިފްތިތާޙުކުރި ދުވަހެވެ.