ހ. ފެންޓެނޯއީ ގޭގެ މަތިން، ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި މިނިވަން ތަޙުޤީޤެއް ހިންގުމަށް އެކުލަވާލެއްވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަންގެ މަސައްކަތް ނިންމައި އެ ކޮމިޝަންގެ ރިޕޯޓް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤުކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ޤަރާރަކުން އިންކުއަރީ ކޮމިޝަން އުފެއްދެވީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޮމިޝަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ.
އެ ކޮމިޝަނުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކޮމިޝަނާ ޙަވާލުކުރި މަސައްކަތް ނިންމައި، ކޮމިޝަނުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާކަމަށެވެ.
އޭޕްރިލްމަހުގެ 18 ވަނަ ދުވަހު ހެނދުނު ހެންވެއިރު ގެއެއްގެ ފުރާޅުމަތީގައި ޒުވާނަކު ވެއްޓިފައި އޮތްކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެދުވަހުގެ ހެނދުނު 07:23 އެހާއިރުއެވެ. 21 އަހަރުގެ ޔުމްނު އަންނަނީ، ލިބުނު އަނިޔާތަކަށް މެލޭޝިއާގައި ފަރުވާ ހޯދަމުންނެވެ. މި މައްސަލައިގެ ތަޙުޤީޤުގައި ދިވެހި ދެ ފުލުހަކު މެލޭޝިއާގައި ތިބިކަމަށް، ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.
މި ރިޕޯޓް އާންމު ކުރުމަށް ރައީސް ވަނީ އަންގަވާފައެވެ.