ސްކޮޓްލަންޑުގެ ކެޕްޓަން އެންޑީ ރޮބަޓްސަން ހޯދަން ސްޕެއިންގެ އެތުލެޓިކޯ މެޑުރިޑުން މަސައްކަތް ފަށައިފިއެވެ.
ލިވަޕޫލުން މަސައްކަތް ކުރަނީ ބޯންމައުތަށް ކުޅޭ ހަންގޭރީގެ ލެފްޓް ބެކް ކާކެޒް ހޯދުމަށެވެ. އޭނާ އަކީ ރޮބަޓްސަންއާ އެއް މަޤާމަކަށް ކުޅޭ ކުޅުންތެރިއެކެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ޑީލް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އެހެންކަމުން ރޮބަޓްސަންއަށް ކުޅެން ލިބޭ ވަގުތު މަދުވާނެތީ އޭނާ ބޭނުންވަނީ ކުލަބު ދޫކޮށްލާށެވެ. ލިވަޕޫލުންވެސް އޮތީ ރޮބަޓްސަން ވިއްކާގޮތަށެވެ. ލިވަޕޫލުން ވަނީ ފަސް މިލިއަން ޕައުންޑަށް ރޮބަޓްސަން ވިއްކާލަން ތައްޔާރަށް އޮތް ކަމަށް ނިންމާފަ އެވެ. އުމުރުން މިހާރު 33 އަހަރުގެ ރޮބަޓްސަންގެ ކޮންޓްރެކްޓްގައި ބާކީ އޮތި އެންމެ އަހަރެކެވެ.
ރޮބަޓްސަން ލިވަޕޫލް ދޫކޮށްލާ ވާހަކަ ދެކެވެން މި ފެށީ އެ ކުލަބުގެ ކަނާތު ބެކް ޓްރެންޓް އެލެގެޒެންޑާ އާނޮލްޑް ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވެފައިވަނިކޮށެވެ. އާނޮލްޑާއި ރޮބަޓްސަން އަކީ ލިވަޕޫލަށް ދެ ފަހަރު ޕްރެމިއާ ލީގު އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިންނެވެ. ހާއްސަކޮށް މި ދެ ކުޅުންތެރިންނަކީ ކުރީގެ ކޯޗު ޔާގެން ކްލޮޕް ބިނާކުރި ކާމިޔާބު ޓީމުގެ ދެ ފަރާތުގެ އަރިމަތިން ފަހަތާއި އެޓޭކްގެ މުހިންމު ދެ ތަނބެވެ. މި ދެކުޅުންތެރިންނަކީ ޕްރިމިއާލީގު ތާރީހުގައިވެސް އެންމެ ގިނަ އެސިސްޓް ހެދި ދެކުޅުންތެރިންނެވެ. އާނޯލްޑް 64 އެސިސްޓް ހެދިއިރު ރޮބަޓްސަން ވަނީ 60 އެސިސްޓް ހަދާފައެވެ.