ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ ޝަރީޢަތް ނިމެންދެން ބައްދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރުތައް ސްޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
މި މައްސަލަ ބައްލަވާ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދު ވަނީ މަނީ ލޯންޑަރިންގގެ ކުށާ ގުޅުވައި އަންނަނީ ކޮރަޕްޝަންގެ ކުށެއްކަމަށްވާތީ އެ ތުހުމަތު އޭސީސީއަށް ނުބައްސައި، ފުލުހުންނަށް އެކަނި އެ މައްސަލަ ބެލިދާނެތޯ ބަލާއިރު ފާހަގަވާ ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން ފަނޑިޔާރު ވިދާޅުވީ، އެ ޙާލަތުގައި ބަންދާމެދު ގޮތެއް ނިންމުމަށް އެދުމުގައި ފުލުހުންނަށް ޤާނޫނީ ހުރަހެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ފަނޑިޔާރު ޝަހީދު ވިދާޅުވީ، ޝަމްއާން ބަންދު ކުރުމަށް ނިންމީ މައްސަލައިގެ ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމުންކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓާފައިވާ ކަމަށާއި، އެ ނިންމުން ދެމެހެއްޓި ގޮތް ގޯސްވާ ގޮތެއް ޝަމްއާންއަށް ބުނެދެވިފައިނުވާ ކަމަށެވެ. އެހެންކަމުން ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލަ ބައްލަވާ ބެންޗްގައި ދެން ތިއްބަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. މި ދެފަނޑިޔާރުންގެ ރައުޔުވެސް ދާދި އެއްގޮތެވެ.
އެހެންކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ ފުރަތަމަ އަމުރު ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ހައިކޯޓުގެ ދެވަނަ އަމުރުވެސް ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.