ނައިފަރު ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ފުލުހުން ހޯދައިފިއެވެ.
މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ނައިފަރު ޕޮލިސް ސްޓޭޝަނުން ޖޫން 13 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި އެ ތަކެތި ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފައެވެ. އެގޮތުން، އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެންޓާއި، އަތުކުރީ ގަޑިއާއި، ޓެބްލެޓާއި މޮބައިލް ފޯނުގެ އިތުރުން ރަނާއި ރިހި ހިމެނޭހެން ގަހަނާ ހޯދާފައިވެއެވެ. އަދި ފިހާރައިގެ ކައުންޓަރު ހަލާކުކޮށްލައިގެން ކައުންޓަރުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ވަނީ ހޯދާފައެވެ.
އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ނައިފަރު ގެއެއް ބަަލައި ފާސްކޮށްފައެވެ. ބާކީހުރި ތަކެތި ހޯދާފައިވަނީ ފަޅު ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.