ގިނަ އަދަދެއްގެ ދިވެހިން އިންވެސްޓް ކޮށްފައިވާ ޕިރަމިޑް ސްކީމެއް ކަމަށްވާ ޖެމްކިއު އިން ފައިސާ ނުނެގޭ ގޮތް ހަދައިފިއެވެ.
ރާއްޖޭގައި ޖެމްކިޔު ސްކީމްގައި ބައިވެރިވެފައިވާ މީހުންގެ މެދުގައި ހަދާފައިވާ ޓެލެގްރާމު ގްރޫޕުގައި ޖެމްކިޔު އިން ފައިސާ ނުނެގިގެން އެކަމުގެ ޝަކުވާ ކުރަމުންދަނިކޮށް ފައިސާ ނުނެގޭ ސަބަބު ހާމަކޮށް، އެ ގުރޫޕު ހިންގާ ފަރާތުން ވަނީ ފޭކު ސިޓީއެއް އެ ގުރޫޕަށް ލާފައެވެ. ނަމަވެސް މިއީ ފޭކު ސިޓީއެއްކަން ވަނީ ޔަޤީންވެފައެވެ. އެސިޓީ ފޮނުވި ކަމަށް ބުނާ އެކްޓިން ޑެޕިއުޓީ ޑިރެކްޓަރ ޖޯންސް ގިބަންސް އަކީ އެއިދާރާގައި މަސައްކަތް ވެސް ކުރާ މީހެއް ނޫނެވެ.
ފައިސާ ވިތުޑްރޯ ނުކުރެވެނީ އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ރިވިއުއެއް ކުރިއަށް ގެންދާތީ ކަމަށާ އެއީ އާއްމު އުސޫލުން ކުރިއަށް ގެންދާ ރިވިއުއެއް ކަމަށް އެމީހުން ވަނީ ބުނެފައެވެ. ކަންކަން އާއްމު ހާލަތަކަށް އައުމުން އަނެއްކާވެސް ފައިސާ ނެގޭނެ ކަމަށް ބުނެ އިންވެސްޓްކުރި މީހުން ހަމަޖެއްސުމަށް އެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޖެމްކިއުއަކީ ރާއްޖެ ފިޔަވާ ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ބޭނުންކުރާ ސްކީމެއް ނޫނެވެ. ނަމަވެސް މިއީ ދުނިޔޭގެ ގިނަ ޤައުމުތަކަކުން އޮޕަރޭޓްކުރާ އިންޓަރނޭޝެނަލް ބޮޑު ސްކީމެއްކަމަށް ޖެމްކިއު ރާއްޖޭގައި ޕްރަމޯޓްކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ފުލުހުން ވަނީ މިކަން ދޮގުކޮށް މިއީ އޮޅުވާލައިގެން ފައިސާ ހޯދާ ބޮޑު ސްކޭމެއްކަމަށް ތުހުމަތުކޮށްފައެވެ.