މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މީރާގެ ބޯޑުގެ 4 މެންބަރެއްގެ ދައުރު ހަމަވާތީއެވެ. ދައުރު ހަމަވާ 4 މެންބަރުންނަނަކީ، ޑެޕިއުޓީ ޗެއަރޕާސަން ލީނާ މުހައްމަދު ޒާހިރު ހުސެއިންއާއި، އައިޝަތު އާޝާ އަލީއާއި، މުމްތާޒް އަބްދުލް ރަޝީދު އަދި ހުޝާމް ވަޙީދެވެ. މީގެ ތެރެއިން ހުޝާމް ފިޔަވައި ދެން ތިބި މެންބަރުންގެ ދައުރު އޯގަސްޓު މަހު ހަމަވާއިރު، ހުޝާމްގެ ދައުރު ސެޕްޓެމްބަރު މަހު ހަމަވާނެއެވެ.
މީރާގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހުގެ މެނދުރު 12:00 ޖެހުމާއި ހަމައަށެވެ. މީރާގެ ބޯޑު މެންބަރުކަމަށް އައްޔަން ކުރަނީ 5 އަހަރު ދުވަހުގެ މުއްދަށެވެ. މީރާގެ ބޯޑުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހިމެނޭހެން 7 މެންބަރުން ތިއްބަވައެވެ.