ގެދޮރުވެރިޔާ މަޝްރޫއުގެ 4000 ފްލެޓް ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން، ޝަރުތު ހަމަނުވާ ފަރާތްތަކަށް ފްލެޓް ނުލިބޭނެކަން އަންގަން ފަށާފައިވާ ކަމަށް ހައުސިންގް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން ބުނީ، ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެކަން އަންގަމުންދަނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އަދި ލިޔުން ފޮނުވިކަމުގެ މެސެޖެއް ފޯނަށް ފޮނުވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ސަރުކާރުން ޚާއްސަ ކޮމިޓީއެއްގެ މަސައްކަތަށްފަހު ކުރިން އިޢުލާނުކޮށްފައިވާ ގޮތުގައި، ސްކީމަށް ހޮވުނު 4000 މީހުންގެ ތެރެއިން 2180 މީހުންގެ ޝަރުތު ހަމަނުވެއެވެ. މި ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ދެވުނު ދޮޅު މަހުގެ މުއްދަތުގައި 8000 ޝަކުވާ ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޝަރުތު ހަމަނުވާކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:
- ސަރުކާރުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތައް
- ސަރުކާރު ކުންފުނިތަކުން ހިންގާފައިވާ ސްކީމްތަކުން ފްލެޓް ލިބިފައިވާ ފަރާތްތައް
- 600 އަކަފޫޓަށްވުރެ ބޮޑު އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިވާކަން ޔަޤީންކުރެވޭ ފަރާތްތައް
ފްލެޓް ނުލިބޭނެކަމަށް އަންގާ ފަރާތްތަކަށް، އެކަން ނިންމި ސަބަބު ތަފްސީލުކޮށް އަންގާނެ ކަމަށާއި، އިތުރު ޝަކުވާއެއް އޮތްނަމަ އެ ފުރުސަތުވެސް ދެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.