ފީފާ ކްލަބް ވޯލްޑް ކަޕްގައި އާޖެންޓީނާގެ ބޮކާ ޖޫނިއަރސް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.
މި މެޗްގެ ފުރަތަމަ ގޯލް 18 ވަނަ މިނިޓުގައި ބަޔާންއަށް ޖަހައިދިނީ ހެރީ ކޭންއެވެ. މެޗުގެ 66 ވަނަ މިނިޓުގައި ބޮކާ ޖޫނިއަރސްގެ މެރެންޓިއެލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ބަޔާން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ޖަހައިދިނީ މައިކަލް އޮލިސޭ އެވެ.
ބަޔާން މިއުނިކަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ބެންފީކާ އަށް 4 ޕޮއިންޓް ލިބިފައިވާއިރު ބޮކާ ޖޫނިއަރސް އަށް ލިބިފައިވާ އެއް ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގަ އެވެ. އަދި އޯކްލޭންޑް ސިޓީ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މެޗް ކުޅުނީ އެމެރިކާގެ މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ފަސްދޮޅަސް ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައެވެ.