ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ކަންކަން ގާތުން ބަލަމުންދާ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި، ފުޑް ސެކިއުރިޓީ އަދި މާލީ ހަމަޖެހުމަށް ބުރޫއެއް އަރާފާނެ ކަމެއް ދިމާވެދާނެތޯ މިހާރު ބަލަމުން ދާ ކަމަށެވެ.
“ މާކެޓުގެ އަގުތައް އުފުލުމާއި، އިންފްލޭޝަން މައްޗަށް ދިޔުން ފަދަ ކަންކަން ދިމާވެދާނެތޯ މިދަނީ ބަލަމުން. މިކަމާ ގުޅޭގޮތުން މިދަނީ ކަމާއި ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރަމުން “ – މިނިސްޓަރ ޒަމީރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހި ސަރުކާރުގެ އެންމެ މުހިންމު ކަމެއް ގޮތުގައި ދެކޭނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރަމާއާއި ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ގަތަރު ގެ ވައިގެ ބަނދަރުތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން ޑުބާއީ އަށް ޓްރާންސިޓްވެ ރާއްޖެ އަންނަން ޝެޑިއުލްކޮށްފައިވާ ބައެއް ފްލައިޓްތައް ވަނީ ޑިލޭ ވެފައެވެ.
އީރާން – އިޒްރާއިލް ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައެވެ.
މި ހަނގުރާމަ އިތުރަށް ކުރިޔަށް ދާ ނަމަ މެދުއިރުމަތީގެ ދަތުރުފަތުރުތައް މުޅިންހެން ހުއްޓި، ދުނިޔޭގެ ފަތުވެރިކަމަށާއި، އިގްތިސާދަށް ބޮޑެތި ގެއްލުން ވެދާނެ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.