ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ސްކީމްތަކަށް ލޯނު ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިންއެއްކަމަށެވެ. އަދި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭނެކަމަށެވެ.
”މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންނަށް އެޕްލިކޭޝަންތައް ލިބުމުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެޕްލިކޭޝަންތައް ލިބޭތާ ދެ ހަފްތާ ތެރޭގައި، އިވޭލުއޭޝަންގެ މަސައްކަތް ނިންމާ މިނިސްޓްރީއަށް ފޮނުވަން.“ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގައި ހިމެނެނީ 3 ސްކީމެކެވެ. އެއީ ރަށްވެހި ފައިނޭންސިންގ ސްކީމް، ސަހަރު ފައިނޭންސިންގ ސްކީމް، ފަހިމާލެ ފައިނޭންސިން ސްކީމެވެ. މީގެތެރެއިން ރާއްޖޭގެ އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިންގ ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާ، އަރބަން ސެންޓަރތަކުން ސަހަރު ފައިނޭންސިންގ ސްކީމަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން މާލެ ސަރަޙައްދަށް ހުޅުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން 6 މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެއެވެ.