ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މިއަހަރުގެ މިނިވަން ދުވަހު ބޭނުން ކުރާން ފަރުމާކޮށްފައިވާ ލޯގޯ އާންމުކޮށް ދައްކާލައިފިއެވެ.
މި ލޯގޯ އާންމުކޮށް ދައްކާލާފައިވަނީ ޕީއެސްއެމް ނިއުސްގެ މިރޭގެ 8:00 ޚަބަރު ތެރެއިންނެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު މިއަހަރު ފުރުމާއި ގުޅުވައި މިއަހަރުގެ ނިޔަލަށް ދައުލަތުގެ ލިޔެކިއުންތަކާއި އެހެނިހެން ބޭނުންތަކަށް މި ލޯގޯ ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މިނިވަން 60 ގެ ލޯގޯ ފަރުމާކުރުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލީ މިމަހު ކުރީކޮޅުއެވެ. ލޯގޯ ފަރުމާކުރުމުގައި އިސްލާމް ދީނާއި ދިވެހިބަހާއި ސަޤާފަތާއި ދިވެހި ތަރިކަ ރަމްޒްކޮށްދިނުމާއި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދަޢުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒްކޮށްދޭން ޖެހޭ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ލޯގޯގައި ދިވެހި ރާއްޖެ ރަމްޒުވާ ކުލަތައް ބޭނުންކުރުމަށް އުސޫލުގައި ހިމަނާފައިވެއެވެ.
މި ލޯގޯއަކީ މިކަމަށް ހުޅުވާލި ފުރުޞަތުގައި ހުށައެޅުނު 30 ލޯގޯގެ ތެރެއިން މިކަމަށް އެކުލަވާލި ފަނޑިޔާރުންގެ ކޮމިޓީން 1 ވަނަ އަށް ހޮވި ލޯގޯއެވެ.