މަގުބޫލިކަން ހޯދަމުން އަންނަ، ޑެލިވަރީ އެޕް ”އީޒްއެޕް“ (eeezap) މިއަދު ކުއްލި ގޮތަކަށް މެދުކެނޑި، އަދި އެ އެޕުން ލިބެމުންދިޔަ ހިދުމަތްތަކަށް ބުރޫއަރައިފިއެވެ. މިކަމުގެ ސަބަބުން އެޕް ބޭނުންކުރަމުން ދިޔަ ގިނަ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ވަނީ ދަތިތަކާއިކުރަމަތިވެފައިއެވެ.
އީޒްއެޕްގެ ސީއީއޯ މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެޕްލިކޭޝަން ޑައުން ކޮށްފައިވަނީ އެޕް އެއްފަހަރާ ގިނަބަޔަކު ޑައުންލޯޑްކުރުމުގެ ސަބަބުން ސެކިއުރިޓީ މައްސަލައެއް ދިމާވިޔަ ނުދިނުމަށްޓަކައި ސާވަރުތައް ކުއްލި ގޮތަކަށް އަޕްގްރޭޑް ކުރުމަށް ކަމަށެވެ. އަދި މިވަގުތު ކަސްޓަމަރުންގެ ޑާޓާ ސެކިއުރިޓީއަށް، ސާވަރުތައް އިތުރަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.
މިހާރު މައްސަލަ ކުރިމަތިވެފައިވާ ކަސްޓަމަރުންނާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކާއި ޑްރައިވަރުން ވެސް ހިމެނޭ ގޮތަށް، އެޕް ޑިލީޓްކޮށްލާފައި އަލުން އިންސްޓޯލް ކުރުމުން މައްސަލަ ހައްލުވާނެ ކަމަށް އީޒްއެޕުން ވަނީ މައުލޫމާތު ދީފަ އެވެ.
އީޒްއެޕުން ލިބެމުންދިޔަ ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ދިމާވި ދަތިކަމަށް އެ ކުންފުނިން ވަނީ މާފަށް އެދިފަ އެވެ. އަދި އެޕް ބޭނުންކުރާ ފަރާތްތަކުން ދެމުން ގެންދާ ތަރުހީބާއި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރާކަމަށް ވެސް އެ ކުންފުނީގެ ސީއީއޯ ވަނީ ފާހަގަކޮށްފައިއެވެ.