މިއަދު މެންދުރުފަހު އުދައަރާނެ ކަމަށް ލަފާކުރެވޭތީވެ، ސިނަމާލެ ބްރިޖު މަތިންނާއި ހައިވޭ މަތިން ދަތުރުކުރާ ފަރާތްތަކުން ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ނެރުނު ސަމާލު ނޯޓިސްގައި ބުނެފައިވަނީ، މިއަދު މެންދުރުފަހު 1:30 އިން 5:00 އާ ދެމެދު ކަނޑުގަދަވެ، އުދަ އަރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފައިވާތީ މިގޮތަށް އިލްތިމާސްކުރީ ކަމަށެވެ. ފުލުހުން ވަނީ، މިވަގުތު ތަކުގައި ބްރިޖު މަތިންނާއި ހައިވޭ މަތިން، ސައިކަލުގައި ދަތުރުކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް އިންޒާރު ދީފައެވެ.
ފުލުހުން ވަނީ މި ވަގުތުތަކުގައި ދަތުރުކުރާ ހުރިހާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށާއި، ދެފުރޮޅުލީ އުޅަނދު ބޭނުންކުރުމުން ދުރުހެލިވުމަށް ވަރަށް ބޮޑަށް އިލްތިމާސްކޮށްފައެވެ.