ހުޅުމާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަގްފް އިމާރާތް ”ދާރުއްސަލާމް“ ގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އަޅުއްވައިދެއްވައިފި އެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، (އާރުއާރުސީ) އާއި ޙަވާލުކޮށްގެން ގެން އިމާރާތްކުރާ މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ.
މި އިމާރާތަކީ ގިނަ ބޭނުންތަކެއް ކުރެވޭ ގޮތަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ. އޭގެ ތެރޭގައި މި ޢިމާރާތުގެ ބޭސްމަންޓުގައި ޕާކިންގ ސަރަޙައްދެއް ހުންނައިރު ގްރައުންޑް ފްލޯގައި ރިސެޕްޝަން ސަރަޙައްދާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކޮށްފައި ވެއެވެ. އަދި މި އިމާރާތުގެ 2 ވަނަ ފަންގިފިލާ އާއި 11 ވަނަ ފަންގިފިލާގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، ދެން ހުރި ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ބައިތައްވެސް ހިމަނާފައި ވެއެވެ. މީގެ އިތުރުން މި ޢިމާރާތުގައި ޑޭ ކެއަރ ސެންޓަރެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސް ގައި ހިންގާ މި މަސްރޫއު އާރުސީސީ އާއި ހަވާލުކޮށްފައިވަނީ 244 މިލިޔަން ރުފިޔާ އަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 24 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢު ނިންމުމަށްފަހު 5 އަހަރު ދުވަހަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތް އާރްސީސީއިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.


