ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ސަނީ އުމަރުގެ ބަންދަށް ކޯޓުން 30 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން މިދިޔަ ހަފުތާ އޭނާ ގައުމު ދޫކޮށް ދިޔަ އެވެ. އޭގެ ފަހުން ހޯމަ ދުވަހު އަނބުރާ ރާއްޖެ އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ތަހުޤީޤަށް އެއްބާރުލުންދޭގޮތަށް އޭނާ ދޫކޮށްލިއެވެ. އަދި އެ ރޭ މާލެއިން އަވައްޓެރި ސްރީ ލަންކާއަށް ފުރަން އޮތް މަތިންދާބޯޓަކަށް އަރައި އިންދާ ފުލުހުން އޭނާ ހައްޔަރުކޮށް 24 ގަޑިއިރު ވުމުން ދޫކޮށްލުމަށްފަހު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމުގަތުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރިއެވެ.
”ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ވާހަކަ ދަންނަވަމެވެ،“ މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
ދަ ޓްރެވެލް ގައިސް, މޯލްޑިވްސް ހަލާލް ޓްރެވަލް، ހަލާލް ވީކްލީ، ޓެލެންޓް އެމްވީ، އައިލެންޑް ޕޯސްޓް އަދި ކަވި ޕްރައިވެޓް ލިމިޓެޑަކީ ސަނީ އުމަރު އުފެއްދި ބައެއް ކުންފުނިތަކެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ވިޔަފާރިތަކުގައި އޭނާ މަސްލަހަތު އޮވެ އެވެ.


