މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިކަން ހާމަކޮށް އެމްޕީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓާ ގުޅިގެން ކަމަށެވެ.
އަދި މި ސެޝަންގެ ބައިވެރިންނަށް ވަނީ ސައިން ލެންގުއޭޖްއިން ވާހަކަދެއްކުމުގެ ބޭސިކްސް ކިޔައިދީފައި ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
މި ސެޝަންގައި މުވައްޒަފުންނަށް އަތުގެ އިޝާރާތްތައް ބޭނުންކޮށްގެން, އަޑު އެހުމުގެ ގާބިލްކަން ނެތް ބޭފުޅުންނާ މުއާމަލާތް ކުރަން ދަސްކޮށްދިނުމުގެ އިތުރުން އެ ފަދަ ދަތި ހާލުގައި އުޅޭ ފަރާތްތަކަށް ހިދުމަތް ދިނުމުގައި އަމަލުތައް ބަހައްޓަންވީ ގޮތްވެސް ދަސްކޮށްދީފައިވާކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
މި ސެޝަނަކީ ހުރިހާ ފަރާތްތަކަށް ވެސް އެމްޕީއެލްގެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ލިބިގެންދާނެކަން ޔަގީން ކުރުމަށް ޓަކައި މުވައްޒަފުން ތަމްރީނުކުރުމަށް އެ ކުންފުނިން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދެވުނު ސެޝަނެކެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.


