ޝަރީއަތް ނިމެންދެން ބަންދުކުުރުމަށްފަހު، ޝަރީއަތް ނުނިމި ދިގުލައިގެން ގޮސް ބަންދުގައި އެތައް އަހަރެއް ވެފައިވާ މީހުން ނުވަތަ “ ގެ މައްސަލަތައް ނުނިމެނީސް ދޫކުރެވެން ނެތް ކަމަށް ދެކެވަޑައިގަންނަވާ ސަބަބަކީ، އެ މީހުންނަށް ކުރެވިފައިވާ ބޮޑެތި ތުހުމަތުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ތާޖުދީން ސްކޫލުގައި ރޭ ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އެ ޖަލްސާގައި ކަންބޮޑުވުންތަކެއް ހިއްސާކުރި މީހަކު ބުނީ، ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމަކީ ރައީސް މުޢިއްޒު އެދިވަޑައިގަންނަވާނަމަ ”ފަސް މިނިޓުގެ“ ތެރޭގައި ވެސް އެ މަނިކުފާނަށް ކުރެއްވޭނެ ކަމެއް ކަމަށެވެ.
ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތަކާ ގުޅޭގޮތުން ރޭގެ އެ ބައްދަލުވުމުގައި ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް އެންމެ ފުރަތަމަ ހާމަކުރެއްވީ އެފަދަ މީހުންގެ މައްޗަށް ކުރާ ތުހުމަތުގެ ބާވަތްތަކާއި އެގޮތަށް ބަންދުކޮށްފައި ތިބި މީހުންގެ އަދަދެވެ.
”ވާނުވާ ބަންދުގެ މީހުން ފަސް މިނިޓުގެ ތެރޭގައި ވެސް ބޭނުންފުޅު ނަމަ ދޫކުރެވިދާނެ ކަމަށް ބަޔަކު ބުންޏަސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހުންނާއި މީހުން މެރުމާއި ޑްރަގް ޓްރެފިކިންގެ މީހުން ބަންދުން ދޫކުރުމަކީ އަޅުގަނޑަށް ލިބިވަޑައިގަންނަވާ ހައްގެއް ނޫން. އަޅުގަނޑު ކޮށްގެން ވާނެ ކަމެއް ވެސް ނޫން އެއީ. އެހެންވީމާ އެކަން ނުވަނީ. މި ސަރުކާރުން ޖުޑިޝަރީ އަށް ނުފޫޒެއް ނުފޯރުވާނެ. އަޅުގަނޑުމެން ބޭނުންވަނީ ހަގީގީ މާނައިގައި މިނިވަން ކޮށްދޭން.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވާނުވާ ބަންދުކުގައި ތިބި މީހުން ފަަސް މިނެޓް ތެރޭގައި ދޫކޮށްލެވިދާނެ ކަމަށް ބުނެ ކުރި ކޮމެންޓަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވަނީ ތަފާސް ހިސާބުތަކެއް ދެއްވާފައެވެ.
ވާނުވާ ބަންދުގެ ތަފާސް ހިސާބު
– ޖުމްލަ 314 މީހުން.
– މަރުގެ މައްސަލަތަކުގެ ތުހުމަތުގައި 29 މީހުން.
– ޓެރަރިޒަމްގެ ތުހުމަތުގައި 20 މީހުން.
– ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި 117 މީހުން.
– މާރާމާރީގެ ތުހުމަތު ކުރެވޭ 70 މީހުން.
– ޑްރަގް ޓްރެފިކިންގެ ތުހުމަތު ކުރެވޭ 116 މީހުން.
މީގެ އިތުރުން، ކަޅުފައިސާ ދޮވުމާއި، ހަށިވިއްކުމާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ތިބި ބަޔަކުވެސް އޭގެ ތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިފަދަ ކުށްކުށުގައި ހައްޔަރުކުރެވިފައިވާ ބަޔަކު، ބަލަންޖެހޭ މިންވަރަށް ކަންކަމަށް ބެލުމެއް ނެތި މުޖުތުމަޢުގެ ތެރެއަށް ދޫކޮށްލުމަށް އެއްވެސް ރައްޔިތަކު ބޭނުންފުޅުވާނެތޯ ރައީސް މުޢިއްޒު ވަނީ ސުވާލު ކުރައްވާފައެވެ.
މާލީ އަދި އިދާރީ ގޮތުންވެސް ޝަރުޢީ ދާއިރާއަށް މިނިވަންކަން ހޯއްދަވައިދެއްވާފައި ވާނެ ކަމަށާއި، އަދުގެ ސަރުކާރަކީ ވަކި މީހަކަށް ވަކި ގޮތަކަށް ހުކުމެއް ކުރުމަށް ޝަރުޢީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ސަރުކާރެއް ނޫން ކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް އެކަން އޮންނާނީ އެގޮތުގައި ކަމަށް ރައީސް މުޢިއްޒު ވަނީ ތަކުރާރު ކޮށްދެއްވާފައެވެ.


