މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނެއްގައި 10 ތަނެއް ބަލާފާސްކޮށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން މިރޭ ބުނީ އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މި މީހުންގެ ތެރެއިން 6 މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު މިއަދު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
އެގޮތުން ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ސ. ހިތަދޫ / ގުލްކަނދުގެ، ޙަސަން ނަޒީފް (36އ) އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


