ލިވަޕޫލުގެ ފޯވާޑް މުޙައްމަދު ސަލާހް އެ ޓީމުން ބޭރުކޮށްލަން އެ ޓީމުގެ ކޯޗް މަސައްކަތްކުރަމުންދާކަމަށް ސަލާހް ތުހުމަތުކޮށްފި އެވެ.
ރޭގެ މެޗާއެކު ލިވަޕޫލުން ލީގުގައި އެންމެފަހުން ކުޅުނު 3 މެޗުގައި ވެސް ސަލާހަށް ފުރަތަމަ އެގާރައިން ޖާގަ ދީފައެއް ނުވެ އެވެ. ރޭ ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވިއިރު، މި މެޗުގައި ވެސް ސަލާހަށް ޖާގަ ދީފައެއް ނުވެ އެވެ.
ރޭގެ މެޗަށް ފަހު ސަލާހު ބުނީ ލިވަޕޫލުން މިހާރު ނެރެމުންދާ ދަށް ނަތީޖާތަކުގެ ހުރިހާ ޒިންމާއެއް އޭނާގެ ބޮލުގައި އަޅުވަން ކޮންމެވެސް ފަރާތަކުން މަސައްކަތް ކުރާކަން ވަރަށް ސާފު ކަމަށާއި އަދި އޭނާ ކްލަބުގައި ހުންނަން ވެސް އެފަރާތުން ބޭނުން ނުވާކަމަށްވެސް ގަބޫލުކުރެވޭ ކަމަށެވެ.
ސަލާހް ބުނީ ޖެހިޖެހިގެން 3 މެޗުގައި ބެންޗުގައި އިންނަން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ބެންޗުގައި އިންނަން ޖެހުނީ ކީއްވެގެންކަން ވެސް އޭނާއަށް ނޭނގޭ ކަމަށެވެ.
އަހަރެންނަކަށް ނޭނގެ އަހަރެންނަށް މިހެން ހަދަންވީ ސަބަބެއް. ކޯޗާ އެއްކޮށް ކުޅުން ކެނޑިއްޖެ. ކުރިން ވަރަށް ގާތް ގުޅުމެއް އޮތް. މިހާރު އެއްކޮށް ގުޅުން ކެނޑިއްޖެ. އަހަރެންނަށް މެޗަށް އައިއިރު ވެސް އަހަރެންނަށް އެނގޭ އަހަރެން ނާރުވާނެކަން. އަހަރެންނަށް ނުވިސްނޭ މިހެން ހަދަންވީ ސަބަބެއް. ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭ މީހަކަށް މިވަނީ އަހަރެން. އަހަރެންނަށް އިހުސާސް ކުރެވެނީ ކުލަބުން އަހަރެން ބަހެއްގެ ދަށަށް އެއްލާލައިފިހެން. ކޮންމެވެސް މީހަކު ބޭނުންވަނީ މިހާރު އަހަރެން މި ކުލަބުން ދާން،“ ސަލާހް މެޗަށް ފަހު ބުންޏެވެ.
މި ސީޒަން ފެށުމުގެ ކުރިން ލިވަޕޫލުން އޭނާއަށް ވަރަށް ގިނަ ކަންކަން ކޮށްދިނުމަށް ވައުދުވި ކަމަށާއި ނަމަވެސް އޭނާ މިހާރު ބެންޗުގައި އިންނަން ޖެހުމުން އެ ވައުދުތައް ފުއްދުމުގައިވެސް ކުލަބުން މިހާރު އިހްމާލުވަމުންދާ ކަމަށެވެ.
އަހަރެން މި ކުލަބުގެ ކޮންޓްރެކްޓް އާކޮށްގެން ދެރައެއްނުވޭ. އަހަރެން ދެރަވަނީ އަހަރެންނާމެދު ކަންތައްތައް ކުރާ ގޮތުން. އަހަރެން ކުލަބާ ގުޅުން ރަނގަޅު ކުރަން ވަރަށް މަސައްކަތް ކޮށްފިން. ކޯޗާ ވެސް އެތައް ފަހަރަކު ވާހަކަ ދައްކައިފިން. އެކަމަކު ދެން މިކަމެއް ނުވާނެ.“ ސަލާހް ބުންޏެވެ.
ސަލާހު ވަނީ ލިވަޕޫލަށް މިހާތަނަށް 420 މެޗު ކުޅެދީ 250 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ސަލާހަކީ މިދިޔަ ސީޒަންގެ ޕްރިމިއާލީގުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންގެ ގިނަ ގޯލް ޖަހައިގެން ރަން ބޫޓް ހޯދި ކުޅުންތެރިޔާއެވެ، މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ލިވަޕޫލަށް ކާމިޔާބުކޮށްްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ސަލާހަކީ މިދިޔަ ސީޒަންގައި އެންމެ ގިނަ އެސިސްޓްވެސް ހެދި ކުޅުންތެރިޔާއެވެ،. އަދި މިހާރު ޕްރިމީލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އިތުރުން ޕްރިމިއާ ލީގުގެ ތާރީހުގައި3 ވަނައަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ.


