ދިވެހި މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. މި ދަފްތަރުގެ މައިގަނޑު މަސައްކަތް ނިމިފައިވާއިރު، މަސްވެރިންނަކީ އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅިގެން ދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މި ދަފްތަރު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވައިގެން ފެށްޓެވި މަސައްކަތެއް ކަމަށާއި، މަސްވެރިންނަކީ ދައުލަތުން ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަކީ އެމަނިކުފާނުގެ ވަޢުދެއްކަމަށް ވެސް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ. މިހާރު ކުރިއަށްދަނީ އިތުރަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކާއި އަލަށް މަސްވެރިކަމަށް ނިކުންނަ ފަރާތްތައް ރަޖިސްޓްރީކުރުމުގެ މަސައްކަތްކަމަށް ވެސް ވަޒީރު މަޢުލޫމާތު ދެއްވިއެވެ.
މިސަރުކާރުގެ ވަޢުދާ އެއްގޮތަށް، މަސްވެރިންގެ ޤައުމީ ދަފްތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ދަފްތަރު އެކުލަވާލުމުގެ ނަތީޖާއަކަށް ވަނީ އެހެން އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެކޭ އެއްގޮތަށް މަސްވެރިންނަކީވެސް ދައުލަތް ދަންނަ ބޭންކުތައް ދަންނަ ބައެއްކަން ކަށަވަރުވެގެން ދިޔުންކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މި ދަފްތަރުގެ ޒަރިއްޔާއިން މަސްވެރިންނަށް ބޭންކުތަކުގެ އެކި ފެސިލިޓީތަކަށް ވާސިލްވެވި، މަސްވެރިންނަކީ އާމްދަނީ ލިބޭ ބައެއްކަން ކަށަވަރުވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ބޭންކުތަކުގެ އެކި ލޯން ސްކީމްތަކުން ޖާގަލިބި، ސަރުކާރުން ހުޅުވާލާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުން މަސްވެރިންނަށް ފުރުޞަތު ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ އާއިލާތަކަށް މީގެ ސަބަބުން ބޮޑު އުފާވެރިކަމެއް ލިބިގެންދާނެކަމަށެވެ. ”މިއަށް ވުރެއް ބޮޑު އުފާވެރިކަމެއް މަސްވެރިކަމުގެ އާއިލާތަކަށް ނުލިބޭ. މަސްވެރި އާއިލާތަކުން ބޮޑެތި ހޭދަތައް ކުރަން ޖެހޭ. ގެދޮރު އިމާރާތް ކުރުމަށް ލޯނު ހޯދަން ޖެހޭ. ކުދިންނަށް ކިޔަވައިދޭން ލޯނު ހޯދަން ޖެހޭ. އެކި ކަހަލަ ފެސިލިޓީސް ހޯދަން ޖެހޭ. މަސްވެރިޔާއަކީ ބައްޕައަކީ މަސްވެރިކަން ކުރައްވާ ބޭފުޅެއް އާމްދަނީ ލިބޭ މަސައްކަތެއް ކުރައްވާ ބޭފުޅެއްކަމަށް އެއްވެސް ތަނެއްގައި މައުލޫމާތެއް ނުއެއް ހުރޭ. އެކަމަކު މިއަދު އެ މަސްވެރިއާއަކީ އާމްދަނީ ލިބޭ މަސައްކަތެއް ކުރައްވާ ބޭފުޅެއްކަން ކަށަވަރު އެބަވޭ.“ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް މިދައުރުގެ ތެރޭގައި ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ވަޢުދުފުޅެކެވެ. މި މަސައްކަތް ނިމުމުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އާ އުޖާލާ ދުވަސްތަކެއް ފެށިގެން ދާނެކަމަށް ބެލެވެއެވެ.


