ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ލިބޭގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައުމަށް މަޖިލީހުގެ ކުރިއަށްއޮތް ދައުރުގައި ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އިއްޔެ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިބައްދަލުވުމުގައި، ޕެންޝަން ފަންޑުގެ ބޭނުން ހިފުމުގައި ހުރި ދަތިތަކާއި ގުޅޭ ކަންބޮޑުވުންތަކެއް އާންމު މީހަކު ހިއްސާކުރުމާ ގުޅިގެން ރައީސް ވިދާޅުވީ، ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ކަންކަން ފަހިކޮށްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. މިވައުދުފުޅަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕެންޝަން ފަންޑާއި ގުޅިގެން އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށެވެ. މީގެ އިތުރުން ޕެންޝަން ފަންޑުގެ ބޭނުން ހިފޭގޮތަށް މިހާރުވެސް ބައެއް ކަންކަން ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް، އާދެ އެޚާއްސަ ހާލަތްތައް އޭގައި ބަޔާންކުރެވޭނެ، އެހެންވީމަ މިހާރަށްވުރެ ގިނަ ފުރުޞަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭގޮތަށް ޤާނޫނަށް އިސްލާހު އެބަ ހުށަހަޅަން
ރައީސް މުޢިއްޒު
ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު ތަޢާރަފުކުރެވުނީ 2008 ވަނަ އަހަރު އެކުލަވާލެވުނު ފެހި ޤާނޫނުއަސާސީއާއެކުއެވެ. މިނިޒާމުގައި މައިގަނޑު ދެޕެންޝަން ސްކީމެއް ހިމެނެއެވެ. އެއީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ.
މީގެ ތެރެއިން ރިޓަޔަރމެންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެމީހެއްގެ އުމުރުން 65 އަހަރު ފުރުމުންނެވެ. މިކަމާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިވަގުތު ރާއްޖޭގެ ޕެންޝަން ނިޒާމު އޮތްގޮތުން ދައުލަތުގެ ބަޖެޓަށް ބުރަވާތީވެ، ޕެންޝަން ނިޒާމަށް އަހަރުން އަހަރަށް ޚަަރަދުކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއެވެ. މިކަން ހައްލުކުރުމަށް އެކި ސަރުކާރުތަކުން އެކި ފަހަރު މަސައްކަތްކުރި ނަމަވެސް، އެކަށީގެންވާ ހައްލެއް މިހާތަނަށް ގެނެވިފައެއް ނުވެއެވެ. ނަމަވެސް ޕެންޝަން ނިޒާމުގައި ހުރި ނަހަމަ އެތައް ކަމެއް ހައްލުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.


