ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ޅ. މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ. މި ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.
މޯލްޑިވިއަނުން މިހާރު ޅ. މަޑިވަރަށް ހަފްތާއަކު 2 ދަތުރު ކުރާއިރު، މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މަޑިވަރު އެއަރޕޯޓަށް ހަފްތާއަކު 3 ދަތުރު ކުރުމަށް އެއަރލައިނުން ވަނީ ނިންމާފައެވެ. މި ދަތުރުތައް ބާއްވަން ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ. މަޑިވަރަށް މޯލްޑިވިއަނުން ކުރާ ދަތުރެއްގެ އެއްކޮޅު ޓިކެޓުގެ އަގަކީ 799 ރުފިޔާއެވެ.
މޯލްޑިވިއަނުން އަބަދުވެސް ޑިމާންޑަށް ބެލުމަށްފަހު މަންޒިލްތަކަށް އިތުރު ފްލައިޓްތައް ބާއްވައެވެ. އެގޮތުން ޢީދާއި އަދި ޗުއްޓީ ބަންދާއި ދިމާކޮށްވެސް މޯލްޑިވިއަނުން ވަނީ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް މަންޒިލްތަކަށް އިތުރު ފްލައިޓްތައް ބާއްވާފައެވެ. މަޑިވަރަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމީ ވެސް މި ސަރަހައްދަށް އޮތް ބޭނުންތެރިކަމާއި ޑިމާންޑަށް ރިއާޔަތްކޮށްކަމަށް ޤަބޫލުކުރެވެއެވެ.
ޅ. މަޑިވަރު އެއަރޕޯޓަކީ 2022 ވަނަ އަަހަރު ހުޅުވާފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއި، އެއަރ ކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެއް ތަރައްޤީކޮށްފައިވެއެވެ.


