ދިވެހިރާއްޖޭގެ އާބާދީގެ ޑިމޮގްރަފިކް ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން، ޢުމުރުން ދުވަސްވީ މީހުންނާ ބެހޭ ޤައުމީ ޢަމަލީ ޕްލޭން އިފްތިތާޙު ކޮށްފިއެވެ.
މި ޕްލޭނަކީ 2052 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ’ސުޕަރ-އޭޖްޑް‘ ސްޓޭޓަކަށް ވެގެންދާނެ ކަމަށް ލަފާކުރެވޭ މި ދަނޑިވަޅުގައި، ދިގުވެފައިވާ އުމުރަށް (79 އަހަރު) އަދި ދަށްވެފައިވާ އާބާދީ އިތުރުވުމުގެ ނިސްބަތަށް (ފަރޓިލިޓީ ރޭޓް) ތައްޔާރުވުމުގެ ގޮތުން އެކުލަވާލާފައިވާ މުހިންމު މަސައްކަތެކެވެ.
މި ޢަމަލީ ޕްލޭނަކީ ޢުމުރުން ދުވަސްވީ މީހުންނާ ބެހޭ ޤައުމީ ސިޔާސަތު ޢަމަލީ ގޮތުން ތަންފީޒު ކުރުމަށްޓަކައި، 4 އަހަރުގެ މުއްދަތަށް (2025–2028) އެކުލަވާލާފައިވާ، ގިނަ ދާއިރާތައް ހިމެނޭ ރޯޑްމެޕެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ޢުމުރުން ދުވަސްވީ މީހުންނަށް އިޙްތިރާމާއި، ރައްކާތެރިކަމާއި، ހިމެނުންތެރިކަމާއެކު ދުވަސްތައް ހޭދަކުރުމުގެ ފުރުޞަތު ކަށަވަރުކޮށްދިނުމެވެ. އަދި މި ޕްލޭން އެކުލަވާލާފައިވަނީ މެޑްރިޑް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގ އަދި އ.ދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް ގެ ކޮމިޓްމަންޓްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.މި ޕްލޭނުން ސަރުކާރުގެ ދާއިރާތަކާއި، ލޯކަލް ކައުންސިލްތަކާއި، ސިވިލް ސޮސައިޓީ އަދި ކޮމިއުނިޓީތަކާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅައެވެ.
ޤައުމީ ޢަމަލީ ޕްލޭންގެ މައިގަނޑު ސިޔާސަތުގެ ދާއިރާތައް
ނާޕާ ގައި މައިގަނޑު ހަތަރު ސިޔާސަތުގެ ދާއިރާއަކަށް ބާރުއަޅާފައިވެއެވެ.
ސިޔާސަތުގެ ދާއިރާތައް:
ތަރައްޤީ، ރައްކާތެރިކަން އަދި ދާއިމީ ތަޢުލީމު: މި ދާއިރާގެ ދަށުން ޤައުމީ ހުރިހާ ސިޔާސަތެއްގެ ތެރެއަށް ޢުމުރުން ދުވަސްވީ މީހުންގެ ކަންކަން ހިމެނުން، އަދި އެމީހުންނަށް ކުރާ އަނިޔާ، ތަފާތުކުރުން އަދި އިހުމާލުވުން ހުއްޓުވުމަށް މަސައްކަތް ކުރެވޭނެއެވެ.
އެންމެ ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން: މި ދާއިރާއިން އުމުރާ ގުޅޭ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުން، ޚާއްޞަކޮށް ގެރިއެޓްރިކް ކެއަރ، އަހަރީ ޞިއްޙީ ސްކްރީނިންގ އަދި ނުރައްކާތެރި ނޫން ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ޞިއްޙަތާއި ޑިމެންޝިއާ ކެއަރ ވަރުގަދަކުރުމަށް ވަނީ ހިމަނާފައެވެ.
އެހީތެރިވާ އަދި ފަސޭހަ މާޙައުލެއް: މި ދާއިރާގެ ދަށުން ޢުމުރަށް އެކަށޭނަ ކޮމިއުނިޓީތަކާއި، އިންފްރާސްޓްރަކްޗަރ އަދި ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކުރުން ހިމެނެއެވެ. އަދި ކޮމިއުނިޓީ ސަޕޯޓް ސެންޓަރުތަކާއި ސީނިއަރ ރެޒިޑެންޝަލް ހޯމްތައް ޤާއިމުކުރުމަށް ވަނީ ރާވާފައެވެ.
އާމްދަނީގެ ރައްކާތެރިކަން: މި ދާއިރާގައި ޕެންޝަން، އިޖުތިމާޢީ ރައްކާތެރިކަން އަދި ފައިނޭންޝަލް ލިޓަރަސީ ވަރުގަދަކުރުން ހިމެނެއެވެ. އިންފޯމަލް ސެކްޓަރގައި މަސައްކަތްކުރާ މީހުންނަށް ވެސް ޕެންޝަންގެ ކަވަރޭޖް ކަށަވަރުކުރުމަށް މަސައްކަތް ކުރެވޭނެއެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް ޙާޞިލުކުރެވޭނެ މައިގަނޑު ކަންތައްތައް
މި ޕްލޭނުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ޙާޞިލުކުރެވޭނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންގެ ކަންކަން ކޯޑިނޭޓްކޮށް ބެލެހެއްޓުމަށްޓަކައި ޢުމުރުން ދުވަސްވީ މީހުންނާ ބެހޭ ޤައުމީ ކައުންސިލް އެއް ޤާއިމުކުރުން ހިމެނެއެވެ. އަދި ލޯންގް-ޓާމް ކެއަރ އާ ބެހޭ ޤައުމީ ސްޓްރެޓެޖީއެއް އެކުލަވައިލައި ޢަމަލީކުރުން ހިމެނެއެވެ.
މީގެ އިތުރުން، އުތުރާއި ދެކުނުގައި ޢުމުރުން ދުވަސްވީ މީހުން ބައިވެރިކުރުމަށްޓަކައި ކޮމިއުނިޓީ ސެންޓަރުތައް ޤާއިމުކުރުމާއި، 2028 ވަނަ އަހަރުގެ ނިޔަލަށް ސީނިއަރ ސިޓިޒަންސް ރެޒިޑެންޝަލް ހޯމްއެއް ޤާއިމުކުރުން ހިމެނެއެވެ.
އުމުރަށް އެކަށޭނަ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ ގޮތުން ސިލްވަރ ޒޯންތަކާއި، ވީލްޗެއަރއަށް ފަސޭހަ ދަތުރުފަތުރުގެ ނިޒާމުތައް އަދި ރައްކާތެރި މަގުތައް ހެދުން ވެސް މި ޕްލޭނުގައި ހިމެނެއެވެ.
ބްރީފިންގ ނިންމަވާލަމުން ފާހަގަކުރެއްވީ، މި ޤައުމީ ޢަމަލީ ޕްލޭނަކީ ދިވެހިރާއްޖޭގެ ކޮންމެ ޢުމުރުން ދުވަސްވީ މީހަކަށް ވެސް އިޙްތިރާމާއި، ރައްކާތެރިކަމާއި، ޞިއްޙަތާއި، ހިމެނުންތެރިކަމާއެކު ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ތެރެއިން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ. އަދި ޢުމުރުން ދުވަސްވުމަކީ ބުރައެއްގެ ގޮތުގައި ނުދެކި، އެއީ ދާއިމީ ގޮތެއްގައި ގައުމަށް ބައިވެރިވެ، ޙިކުމަތްތެރިކަމާއި، ބައިވެރިވުމުގެ ފުރުޞަތެއްގެ ގޮތުގައި ދެކޭކަން މި ޕްލޭނުން ހާމަކޮށްދެއެވެ.


