މާލޭގެ ގެއެއްގެ ތެރޭގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހެއްގެ މެދުގައި ހިނގި ޒުވާބެއް ހޫނުވެ، މާރާމާރީއަކަށް އެރި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:05 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން ދެއްވި މަޢުލޫމާތުތަކަށް ބަލާއިރު، މި މާރާމާރީގައި އަނިޔާވެފައި ވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ. މި ދެމީހުންގެ ތެރެއިން، 64 އަހަރުގެ ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މި މާރާމާރީގައި ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވާތީ ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެންއުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.


