ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އައްޔަނުކުރައްވައިފިއެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްއަކީ މިވަގުތު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ މަޤާމުގައިވެސް ހުންނެވި ބޭފުޅެކެވެ. އެމަނިކުފާނު އެސްޕީއެމްސީސީ ގެ ޗެއަރޕަރސަންގެ މަޤާމަށް އައްޔަންކުރެއްވުމާއެކު، ކުންފުނީގެ ބޯޑު މެމްބަރުން ފުރިހަމަވެ، ކުންފުނީގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
މީގެ ކުރިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ ގެ ބޯޑު މެމްބަރުންގެ ގޮތުގައި އާޢިޝަތު މުޙައްމަދު އަދި ޝިބާނާ އަބްދުﷲ ދީދީ އައްޔަންކުރައްވާފައެވެ. އަދި މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ޑރ. ޝާހު މާހިރެވެ.
މި ކުންފުނި އުފައްދަވާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އެސްޕީއެމްސީސީ އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖެއަށް ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. މީގެ އިތުރުން އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމަށްވެސް މި ކުންފުނި އުފައްދާފައިވެއެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.


