ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހާ އެއްގޮތްވާ ގޮތުގެ މަތިން، މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ ޓައުންޝިޕެއް ރާއްޖޭގައި ގާއިމްކުރުމަށް ސަރުކާރުން ފުރަތަމަ ފަހަރަށް ބަޔަކަށް ހުއްދަ ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީގެ ދަށުން ހިންގާ ބޯޑް އޮފް އިންވެސްޓްމެންޓްސް އިން މި ހުއްދަ ދިނީ ކްރިސްޓަލް ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. ”ސަސްޓެއިނަބްލް ޓައުންޝިޕް“ ގާއިމްކުރަން މި ކުންފުންޏަށް ހުއްދަ ދީފައިވަނީ 790 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓްކުރާ ގޮތަށް ޕްރޮޕޯސަލެއް ހުށަހެޅުމުން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ބޯޑް އޮފް އިންވެސްޓްމެންޓުން ފާހަގަކޮށްފައިވާ ގޮތުގައި ކްރިސްޓަލް ހޯލްޑިންސް އަށް ދިން މި ހުއްދައަކީ، ހަމައެކަނި ”ކޮންވެންޝަނަލް ޓޫރިޒަމް މޮޑެލް“ ތަކުގެ އިތުރުން މަލްޓިސެކްޓާ މޮޑެލް އަށް ދާން އެޅުނު ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ. މިއީ ރާއްޖޭގެ އިގްތިސާދު ތަރައްގީތަކަށް ލޯހުޅުވާލި ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
ސަސްޓެއިނަބްލް ޓައުންޝިޕަކީ ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނުގެ އިސްލާހުގައި ބަޔާންކުރާ ގޮތުން، ގާނޫނުގައިވާ ސިފަތަކާއި ވަސީލަތްތަކާ އެކު، ގާއިމްކުރާ ބޮޑެތި ރިއަލްއެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ތަނެކެވެ. މިއީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާ އެކު މީހުންނަށް ދިރިއުޅެވޭނެ އަދި އެހެނިހެން ވަސީލަތްތައް ގާއިމްކުރާނެ ތަނެކެވެ.
The Maldives has issued its first permit for a Sustainable Township Development under the Special Economic Zones Act marking a major step toward innovative, resilient, and future focused national growth. This milestone reflects President Dr. @MMuizzu’s vision for transformative,… https://t.co/WgMiWs6Uai
— Mohamed Saeed (@em_saeed) December 9, 2025
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން، މި ބޮޑު މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު އެވެ. ސަސްޓެއިނަބްލް ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ ކޮމްޕޯނެންޓަކާ އެކު، އިގުތިސާދީ އިޖުތިމާއީ އެހެން ސެކްޓާތަކުގެ ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ.
އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި، ޒަމާނީ ފެންވަރަށް ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް ކުރާ ނިޒާމުތައް ހިމެނޭނެ އެވެ. މި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ފުޑް ސެކިއުރިޓީ އަށް އަމާޒުކޮށްގެންނެވެ. މީގެ އިތުރުން ރާއްޖޭން ބޭރުކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އެ ތަނުގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ (ރިނިއުވަބަލް އެނާޖީ) އަށް ހަދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ކުރިމަގަށް އަމާޒުކޮށްގެން އިގުތިސާދީ ކުރިއެރުމަށް ކުރާ މަސައްކަތުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު ހާމަވާ ކަމެއް ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.


