ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި ދިވެހިރާއްޖެ ސާބިތުވެ އޮތީ، ހާމަކަން ބޮޑު، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭ ޤައުމެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި ދިވެހިރާއްޖެއިން ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭނެ ކަމުގެ ޔަޤީންކަން ތަކުރާރުކުރެއްވިއެވެ. މިކަމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި، 2007 ވަނަ އަހަރު އ.ދގެ ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫ.އެން.ސީ.އޭ.ސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި މުޢާހަދާގެ އުޞޫލުތައް ހާމަކަން ބޮޑު، އަދި ސާބިތުކަމާއެކު ނެގެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.
ނިޒާމީ ކޮރަޕްޝަނުގެ ސަބަބުން ޤާނޫނުގެ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސް އެޅި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެވޭކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި، ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެގޮތުން، ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި، ސަރުކާރުގެ މުޢާމަލާތްތަކުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ މަޝްރޫޢެއް ކަމުގައިވާ، ”މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮޖެކްޓް“ ގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން، ޤާނޫނުލްޢުޤޫބާތަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ މުހިންމު މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނާއި، ”ހިންމި“ ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓް ތަޢާރަފްކުރުމާއި، ސަރުކާރުގެ މުއައްސަސާތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ ފަންނީ މުވައްޒަފުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްޞަ އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދެވުންވެސް ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވެން ނެތްކަން ފާހަގަކުރައްވަމުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ. އިޖްތިމާޢީ ޒިންމާދާރުކަމާއި، ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި، މަދަނީ ޖަމްޢިއްޔާތަކާއި، ޔޫ.އެން.ސީ.އޭ.ސީ.ގެ ރިވިއު މެކޭނިޒަމްތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރައްވައި ޝުކުރުވެސް އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މެސެޖު ނިންމަވާލެއްވީ، ޤައުމަށް އަމާނާތްތެރިވުމާއި، އިޚްލާޞްތެރިވުމާއި، ދެފުށް ފެންނަ އުސޫލުތައް ދެމެހެއްޓުމަކީ، ޤައުމުގެ އެންމެން ގުޅިގެން އަދާކުރަންޖެހޭ ވާޖިބެއްކަން ފާހަގަކުރައްވައި، ނަޒާހަތްތެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކޮށް، ޤާނޫނުގެ ވެރިކަން ނަގަހައްޓައި، ހަމަހަމަކަމާއެކު ޢަދުލު އިންޞާފު ޤާއިމުކުރާ ޤައުމެއްގެ ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ތަކުރާރުކޮށްދެއްވަމުންނެވެ.
2003 ވަނަ އަހަރު އ.ދގެ އާންމު މަޖިލީހުން ޔޫ.އެން.ސީ.އޭ.ސީ ބަލައިގަތުމާ ގުޅުވައިގެން، ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 9 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައެވެ.


