ރާއްޖޭގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް އިތުރުކޮށް، މި ސިނާޢަތް އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުޅާ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން، އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްސަ ޕޯސްޓެއްގައެވެ.
މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 1981 ވަނަ އަހަރުން ފެށިގެންނެވެ. މަސްވެރިންގެ ދުވަހުގެ ބޭނުމަކީ، ގިނަ ގިނަ ގޮންޖެހުންތަކާ އެކުވެސް މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ މަސައްކަތް ދިރުވާ އާލާކުރުމާއި، މަސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ ސަރުކާރުން އެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ހާމަކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށީއްސުރެ މަސްވެރިކަމާ ދިވެހީންނާ ގުޅިލާމެހިފައިވެއެވެ. އަދި އެ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދިކަން ފާހަގަކުރައްވާ، މަސްވެރިކަމަކީ ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒުތަކުގެ ތެރޭގައި މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުމާއި، މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި. އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި. ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ… pic.twitter.com/DsadYtr2VJ
— Dr Mohamed Muizzu (@MMuizzu) December 10, 2025
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތާއި މަދަދާއި ބަރަކާތް މަސްވެރިންނަށް އަބަދުމެ މިންވަރުކޮށް ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު، މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސަވާފައެވެ.
މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. ރާއްޖޭގައި މަސް ރައްކާކުރުމުގެ ޤާބިލްކަން ދެގުނަ ކުރުމާއި ޕްރޮސެސިންގ ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް މިހާރު އަންނަނީ ކުރަމުންނެވެ. މީގެއިތުރުން މި ސިނާޢަތް ސިންދަފާތުކޮށް، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަށް މަސްވެރިކަން ހެދުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ.


