އައްޑޫ ހައި ސްކޫލުގެ ކިލާހެއްގެ ތެރޭގައި، ދަރިވަރެއްގެ ކަރުގައި ހިފައި، އޭނާގައިގާ ތަޅައި އަނިޔާކުރި ބިދޭސީ މުދައްރިސަކު ސަސްޕެންޑްކޮށް، މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
އެ މުދައްރިސާއި ދަރިވަރުގެ ދެމެދުގައި ހިނގި ތަޅައިފޮޅުމުގެ ވީޑިޔޯއެއް އިޖުތިމާޢީ ވިޔުގަތަކުގައި ވަނީ ދައުރުވެފައެވެ. ވުމާ އެކު، މި މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުންނަށް ހުށަހެޅީ، ތަޢުލީމީ ވުޒާރާއިންނެވެ.
އިންޓަރނެޓުގައި އެ ވީޑިޔޯއިން ފެންނަ ގޮތުގައި، ދަރިވަރު ވެސް މުދައްރިސްގެ ގައިގައި ޖަހައެވެ. އެ މާރާމާރީގައި މުދައްރިސް ދަރިވަރަށް އަނިޔާކުރިއިރު، ކިލާސް ތެރޭގައި އެހެން ދަރިވަރުން ވެސް ތިއްބެވެ.
ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މާރާމާރީ ހިންގީ ގްރޭޑް 12ގެ ދަރިވަރުންގެ ބީ-ޓެކް ކިލާހެއްގައެވެ. އެ ދަރިވަރަށް އަނިޔާކުރި މުދައްރަސަކީ އިންޑިޔާ މީހެއް ކަމަށް ބެލެވެއެވެ.
ސުމޭކު މަންސަތަކުގައި ދައުރުވި އެ ވީޑިޔޯއާ ގުޅިގެން، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، އެ މުދައްރިސް މިހާރު ސަސްޕެންޑްކޮށް، ވުޒާރާގެ ފަރާތުން ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިވަޑައިނުގަންނަވާ ކަމަށާއި، ކަން ހިނގާފައިވާ ގޮތް ހޯދުމުގެ މަސައްކަތް ވުޒާރާއިން ވެސް ކުރަމުން އަންނަ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ފަދަ ކަންކަމުގައި ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އެޅެން ހުރި ފިޔަވަޅެއް ވިއްޔާ އަޅާނެކަމަށެވެ.


