ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ރާއްޖޭގައި ފޯރުކޮށްދޭ މާލީ މުޢާމަލާތްތައް އިތުރަށް ހަރުދަނާކޮށް އަދި ފަތުރުވެރިކަމުގެ ސިނާޢަތް އިސްތިހާރުކުރުމަށްޓަކައި، އަލިޕޭ ޕްލަސް އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް އީޖާދީ ހައްލުތަކާއި ފައިސާގެ މުއާމަލާތްތައް އިތުރަށް ފަސޭހަކުރުމަށް މަގުފަހިކޮށްދޭނެ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން، މި ތިން ފަރާތް ގުޅިގެން އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އެގޮތުން، އޭޝިއާގެ މާކެޓްތަކުގައި އެންމެ މަޤުބޫލު މަންޒިލަކީ ރާއްޖެއަށް ހެދުމަށް މަސައްކަތްކުރުމާއި، ވިޔަފާރިތަކަށް ފައިސާ ބަލައިގަތުމަށް ފަސޭހަކޮށްދިނުމާއި، އަދި މި މާކެޓްތަކުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލުއިފަސޭހަ ތަޖުރިބާތަކެއް ދިނުމަށް މަސައްކަތްކުރާނެއެވެ.
މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ޝަރީފެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ. އަލިޕޭ ޕްލަސްގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ ސިޓިޕޮންގް ކިޓިޕްރަޕޮންގްއެވެ.
މީގެ އިތުރުން، ރާއްޖޭގައި އީޖާދީ އަދި ރައްކާތެރިކަމާއެކު މާލީ މުޢާމަލާތްތައް ކުރެވޭނެ ގޮތެއް ތަޢާރަފުކުރުމަށް ބީއެމްއެލްއިން ވަނީ އަލިޕޭ ޕްލަސްއާ ދެމެދުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކިޔުއާރު ކޯޑު ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތްތައް ކުރެވޭ ނިޒާމު ފުޅާކުރެވި، ބީއެމްއެލް ސްވައިޕް އެޕް ގައި އަލިޕޭ ޕްލަސްގެ ފީޗަރތައް ހިމަނާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބީއެމްއެލްއަކީ އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަރކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވީޗެޓް ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސްކުރާ ބޭންކެކެވެ. މި އެއްބަސްވުންތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެންކުން އުންމީދުކުރެއެވެ.


