ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާކަމަށް ޝައްކުކުރެވޭނަމަ އެކަން ރިޕޯޓުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިކަމަށް އެދިފައިވަނީ ޤައިދީން ގުޅައިގެން ޤާނޫނާއި ގަވައިދާ ޚިލާފު އެކިއެކި ޢަމަލުތައް ހިންގަމުންދާ މައްސަލަތައް ފާހަގަކުރެވިފައިވާތީ، އެކަން ހުއްޓުވުމުގެ ގޮތުންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޖަލުގައި ތިބޭ ޤައިދީން އެކި ފަރާތްތަކަށް ސިއްރުން ފޯނު މެދުވެރިކޮށް ގުޅައި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން، ޤައިދީންގެ ފަރާތުން ލިބޭ މިފަދަ ކޯލްތައް ރިޕޯޓްކުރެވޭނެ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާކަމަށް ވުޒާރާގެ ބަޔާނުގައިވެއެވެ.
ޤައިދީން ގުޅިކަމަށް ޝައްކުކުރެވޭނަމަ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕޯޓަލްއެއްގެ ތެރެއިން އެކަން ރިޕޯޓްކުރެވޭނެއެވެ. މި ޕޯޓަލްއަށް ވަންގަވް މެދުވެރިކޮށް ލޮގިންވެވޭނެކަމަށް ދާޚިލީ ވުޒާރާއިން ވިދާޅުވެއެވެ.
ޖަލުތަކަށް ސިއްރުން ފޯނު ވައްދައިގެން ޤައިދީން މީހުންނަށް ގުޅައި ހިންގާ މައްސަލަތައް މީގެ ކުރިންވެސް އެކި ފަހަރު މަތިން ފެންމަތިވެފައިވެއެވެ. އެގޮތުން، މި އަހަރުގެ ސެޕްޓެންބަރު މަހުގެ 14 ވަނަ ދުވަހު ސްކޭމް މައްސަލަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މާފުށީ ޖަލުން 33 ފޯނު އަތުލައިގަނެފައިވެއެވެ. މިފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި، ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމުކަމަށް ދާޚިލީ ވުޒާރާއިން ފާހަގަކުރައްވައެވެ.


