މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުން ސިނގިރޭޓް ކޮންޓެއިނަރތަކެއް ވަގަށްނެގި މައްސަލައިގައި ބަންދުގައި ތިބި މުޙައްމަދު ވަޙީދާއި، އަޙްމަދު ޢާރިފް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މިމަހުގެ 3 ވަނަ ދުވަހުއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ކުށުގެ ޢަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް އަދި ކޮންޓެއިނަރ ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ މީހުން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.
މުޙައްމަދު ވަޙީދާއި އަޙްމަދު ޢާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބަޔާންކުރައްވައެވެ. ހަމަ އެފަދައިން، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީއެވެ.
ރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ ވަގަށްނެގި މި މައްސަލާގައި 11 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފައެވެ. ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލާގައި ދަޢުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި (15 ދުވަސް) ދަޢުވާކުރުމަށް ކޯޓަށް ހުށައަޅުއްވާނެ ކަމަށެވެ.
މިހާރުވެސް މި މައްސަލައިގައި ބަންދުގައި ތިބި މީހުންނަކީ:
- ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލް (ކަސްޓަމްސް ސުޕްރިޓެންޑެންޓް)
- ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމް
- ހ. ރުމޭނިޔާ، އަޙްމަދު ފިރުސާން
- ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙު
- ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދު
- ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ
- ހ. ނިއުހެޕިނަސް، މުޢާޛު ޢަލީ (ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި)
ޕީޖީ އޮފީހުން ވިދާޅުވީ، ބަންދުގައި ތިބި މި މީހުންގެ ބަންދު މުރާޖަޢާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމާފައިވާ ކަމަށެވެ. އެއީ އެ މީހުންނަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީއެވެ. މީގެ އިތުރުން، ޕީޖީ އޮފީހަށް ދަޢުވާކުރަން ހުށައެޅިއިރު، މުޙައްމަދު ޝަރީފް ބަންދުގައި ނެތުމުން އޭނާ ބަންދު މުރާޖަޢާކޮށްފައި ނުވާ ކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތު ދެއްވައެވެ.


