ރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ރަސްމީކޮށް ދީފިއެވެ. މި ހުއްދަ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވަނީ ނ. އަތޮޅުގައި، ”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި މަޝްރޫޢެއް ހިންގުމަށެވެ.
ރާއްޖޭގައި އެސްއީޒެޑް ޤާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ ޢަމަލުކުރަން ފެށީ 2014 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަހަރުތަކަކަށްފަހު މި ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިންވެސްޓަރުން ޝައުޤުވެރިވާފަދަ ލުއިތަކަކާއެކު ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިޞްލާޙު ވަނީ ގެނެސްފައެވެ. މިގޮތުން އެސްއީޒެޑު ޤާނޫނަށް ގެނައި އިސްލާޙުގެ ބިލު މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަސްދީޤުކުރައްވާފައެވެ.
އެސްއީޒެޑް ޤާނޫނަށް މި ގެނައި އިސްލާހާއެކު، އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދެއް ދޫކުރާ ގޮތަށް މަޝްރޫޢުތައް ހިންގުމަށް އިންވެސްޓަރުންނަށް ހުޅުވާލެވުނެވެ. މިގޮތުން، އެސްއީޒެޑްގެ ދަށުން މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދޫކުރާ ބޯޑް އޮފް އިންވެސްޓްމަންޓުން މިހާރު ވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފައެވެ.
މި ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ ދިނުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ވިދާޅުވީ، ސަސްޓެއިނަބަލް ޕްރޮޖެކްޓްގެ ހުއްދަ ރަސްމީކޮށް ލިބުމުން އުފާކުރާކަމަށެވެ. އަދި ޓައުންޝިޕެއް ޤާއިމުކުރުމަށް އެފަދަ ހުއްދައެއް ލިބުނު ފުރަތަމަ ކުންފުންޏަކަށް ވުމަކީ ލިބޭ ޝަރަފެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިކަމަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާނެ ޕްރޮޖެކްޓެއްކަމަށާއި، މިފަދަ މަޝްރޫޢުތައް އިތުރުވުމަކީ އޭގެ ސަބަބުން ރާއްޖެއަށް އިޖްތިމާޢީ ގޮތުންވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. ކްރިސްޓަލް ހޯލްޑިންގްސްގެ ސީއީއޯ ވަނީ ސަރުކާރުގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ސަރުކާރުގެ ވިޔަފާރިއަށް ލުއިދޭ ސިޔާސަތުގެ އެހީތެރިކަމާ ނުލައި މި މަސައްކަތް ކުރެވުމަކީ ނާދިރު ކަމެއް. މިއަދުން ފެށިގެން އެ ކުންފުނި ވެގެންދާނީ ރާއްޖޭގެ ރައްޔިތުންގެ އަވައްޓެރިންނަށް. އަޅުގަނޑު ޔަޤީންކަން މި ދެނީ މި ޕްރޮޖެކްޓް ތާވަލުކުރެވިފައިވާ ގޮތަށް 2028ގެ ކުރިން ނިންމާ އޮޕަރޭޝަނަށް ގެނައުމަށް ކުންފުނިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަން
ސީއީއޯ
އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ، ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދީފައިވަނީ، ރާއްޖޭގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށް ކަމަށެވެ. އެގޮތުން ނ. އަތޮޅުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ހަވާލުކޮށްފައިވާއިރު، މި މަޝްރޫއު ކުރިއަށްގެންދާނީ އެ އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައެވެ.
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ކުރިއަށްގެންދާ މި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގައި، ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްގީ ކުރާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ތަނުގައި މަދުވެގެން %60 އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށްވެސް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރގެ ތެރެއިން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2028ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށެވެ. މި މަޝްރޫޢަށް 790 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާނެއެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.


