ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތް ޝައުޤުވެރިކަން އިތުރުވެ، އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިކަންކަން ހާސިލްވީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު މިހެން ވިދާޅުވީ، އެސްއީޒެޑް ޤާނޫނުގެ ދަށުން ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީކުރުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިގްސްއަށް ރަސްމީކޮށް ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެސްއީޒެޑް ޤާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ ޢަމަލުކުރަން ފެށީ 2014 ވަނަ އަހަރު ނަމަވެސް، ފާއިތުވި 12 އަހަރުގެ ތެރޭގައި އެއްވެސް މަސައްކަތެއް ޢަމަލީގޮތުން ކުރެވިފައިނުވާކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ މުހިންމު ވަޢުދެއް ކަމަށްވާ ރާއްޖޭގެ އިޤްތިޞާދު ތަފާތުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު، އެހެނިހެން ސިނާއަތްތަކާއި ޓޫރިޒަމް ސިނާއަތްވެސް ތަފާތުކުރުމަށް މި ސަރުކާރުން އިސްކަންދެއެވެ.
ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، ތަރައްޤީގެ އެޖެންޑާގައި ފަހަތައް ޖެހިފައިހުރި ކަންތައްތަކާއި ޒުވާން ޖީލުގެ އުންމީދުތައް ފުރިހަމަކުރުމަށް ރައީސް މުޢިއްޒު މަސައްކަތްކުރައްވައެވެ. މިގޮތުން، ސްޕެޝަލް އިކޮނޮމިކް ޒޯން (ސީޒޯން) އެކްޓިވޭޓް ކުރެއްވުމަކީ މި މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު ކަމެކެވެ.
ސްޕެޝަލް އިކޮނިމިކް ޒޯން އެކްޓިވޭޓް ކުރިއިރުގައި، މާނައަކީ އަބަދުވެސް އޮވެޔޭ 9 ދާއިރާއަކުން ސްޓެރީޖިކް ކުރެވިދާނެ. އެހެންނަމަވެސް 10 ވަނަ ދާއިރާއެއް ރައީސްގެ ގަރާރުގައި ހިމެނުއްވީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްކުރުމަށް،
ވަޒީރު މުޙައްމަދު ސަޢީދު
ކުރީގެ ޤާނޫނުގައި ވަރަށް ގިނަ ޓެކްސްތަކެއް މާފުވާނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މިހާރު މިކަން ބަދަލުކޮށް، ދަޢުލަތަށް ލިބެން ހުރި ފައިސާތައް ރައްކާތެރިވާ ގޮތަށް ބައުންޑްރީސްތަކެއް ހެދިފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. މި ބަދަލުތަކުގެ ސަބަބުން ދަޢުލަތަށް ލިބެންޖެހޭ ފައިސާތައް ލިބި، އިންވެސްޓަރުން ހިންހަމަޖެހޭ ގޮތަށް ޤާނޫނު ޑިޒައިންކުރެވިގެން ދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެކަމު އެކަން ބަދަލުކޮށް ދަޢުލަތަށް ލިބެން ހުރި ފައިސާތައް ޕްރޮޓެކްޓުވާ ގޮތަށް ބައުންޑްރީސްތަކެއް ހެދިގެން އެފައިސާތައްވެސް ލިބޭ ގޮތަށް އަދި އިންވެސްޓްމެންޓަށް އިންވެސްޓަރުން ހިންހަމަޖެހޭގޮތަށް ޑިޒައިންކުރެވިގެން ހަމަ ރާއްޖެއާ ކޮމްޕީޓުކުރާ ތަންތަނާ ވާދަކުރާ ތަންތަނުން އިންވެސްޓަރުންނަށް ޑެލިވަރކުރާ ކަހަލަ ޕްރޮޖެކްޓެއް ހެދިގެން އިންވެސްޓްމެންޓް ފޯރަމްތަކުގައި ޕްރޮމޯޓުވެސް ކުރެވިގެން ދިޔަ. މިއީ އަސްލު އިންވެސްޓަރުންނަށް މިކަން ކުރަން ކަމުދިޔަ ގޮތަކީ
ވަޒީރު މުޙައްމަދު ސަޢީދު
އެސްއީޒެޑް ޤާނޫނަށް މި ގެނައި އިސްލާހާއެކު، އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދުތަކެއް ދޫކޮށް، މަޝްރޫޢުތައް ހިންގުމަށް އިންވެސްޓަރުންނަށް ހުޅުވާލެވުނެވެ. މިހާރު، އެސްއީޒެޑްގެ ދަށުން މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދޫކުރާ ބޯޑް އޮފް އިންވެސްޓްމަންޓުން ވަނީ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދީފައެވެ.


