މަސްވެރިންގެ ޤައުމީ ދުވަހާ ގުޅުވައިގެން ރ. ދުވާފަރުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކާބޯތަކެތީގެ ޚާއްސަ މައުރަޒު ރަސްމީކޮށް ފަށައިފިއެވެ. މިމަހުގެ 11 އިން 13 އަށް ކުރިއަށްދާ މި މައުރަޒު ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް މާކެޓިން ޕްރޮމޯޝަން ކޯޕަރޭޝަން (ޤައުމީ މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުނި) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. މުޙައްމަދު އިބްރާހީމެވެ.
މި މައުރަޒަކީ ޤައުމީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ޕްރޮމޯޓް ކުރާ ކުންފުނިން އިންތިޒާމުކޮށްގެން، ”ފްރޮމް މޯލްޑިވްސް“ ބްރޭންޑްގެ ދަށުން ބާއްވާ ކާބޯތަކެތީގެ މައުރަޒެކެވެ. މަސްވެރިކަމުގެ ސިނާޢަތް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ މި ކުންފުނިން ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުން ހިމެނޭ ކަމަށެވެ. އެހެންކަމުން މިއީ އެކަމަށް މަގުފަހިކުރުމަށް ލިބިގެންދާ މުހިންމު ޕްލެޓްފޯމެއް ކަމަށެވެ.
މި މައުރަޒުގައި ދުވާފަރުގެ އިތުރުން މި އަތޮޅަށް ނިސްބަތްވާ ކާބޯތަކެތީގެ އުފެއްދުންތައް ބައިވެރިކޮށްފައިވެއެވެ. މީގެ އިތުރުން މިފްކޯއިންވެސް ވަނީ ”ފަސްމީރު“ ބްރޭންޑުގެ އެކި އުފެއްދުންތައް މަޢުރަޒުގައި ބައިވެރިކޮށް އިޝްތިހާރު ކުރަމުންނެވެ.
ޤައުމީ މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުނި ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. މުޙައްމަދު އިބްރާހީމް ވިދާޅުވީ، ރަށްފުށުގައި އުފައްދާ މަހުގެ އެކި ބާވަތްތަކުގެ ޕްރޮޑަކްޝަން އިތުރުކުރުމަށް އެކުންފުނިން ވަރަށް ބޮޑަށް އެޑްވޮކޭޓް ކުރާ ކަމަށެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިކަހަލަ ހަރަކާތްތަކުން މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވަރަށް ބޮޑު އެންކަރޭޖްމެންޓެއް ލިބިގެންދޭ،
ޑރ. މުޙައްމަދު އިބްރާހީމް
މައުރަޒުގައި ބައިވެރިވި ފަރާތްތަކުން ވާހަކަދައްކަމުން ބުނީ، މިއީ ރަށުގައި ތިބެގެން މަސައްކަތް ކުރާ ފަރާތްތަކަށް ލިބިގެންދިޔަ މުހިންމު ފުރުސަތެއް ކަމަށެވެ. ޚާއްސަކޮށް އެކި އުފެއްދުންތައް އާންމުންނަށާއި އެކި ފަރާތްތަކަށް ތަޢާރަފްކޮށް މާކެޓް ކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އެފަރާތްތަކުން މިކަން ފާހަގަކުރެއެވެ.
މަސްވެރިން ދުވަހުގެ ގިނަ ހަރަކާތްތަކެއް ދުވާފަރުގައި ކުރިއަށް ގެންދާއިރު، ކާބޯތަކެތީގެ މައުރަޒުގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި މަސްރޭހެއްގެ އިތުރުން ކެއްކުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.


