ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ބޮޑު ކަންނެލީގެ މަސްވެރިންނަށް އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ޤާއިމްކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރ.ދުވާފަރުގައި މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި ފިއުލް ޝެޑް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ރ.ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިކަމަށްޓަކައި ދުވާފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ސަރުކާރުން ގެންދަވަނީ މަސްވެރިކަމުގެ ސިނާޢަތަށް އިސްކަންދެއްވައި، މަސްވެރިންގެ ދިރިއުޅުން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ބޮޑު ކަންނެލީގެ މަސްވެރިންނަށް ތެލުގެ އަގުބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމުގެ ގޮތުން، އަގުހެޔޮކޮށް ތެޔޮ ލިބޭނެ މަގު ފަހިކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދެކެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި ”އެސްޓީއޯ ރޭޓު“ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.
މި މަސައްކަތުގެ ދަށުން ފުރަތަމަ ފިއުލް ޝެޑް މިވަނީ ރ.ދުވާފަރުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ”އެސްޓީއޯ ރޭޓު“ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ހެޔޮ އަގުގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކޮންމެ އަތޮޅެއްގައިވެސް، މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ވަޢުދެކެވެ.
މަސްވެރިކަމުގެ ސިނާޢަތަކީ އަދުގެ ސަރުކާރުން މުހިންމު އިސްކަމެއްދެއްވާ ސިނާޢަތެއެވެ. އެ ދާއިރާއިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވަޢުދުތަކެއް ސަރުކާރުން ގެންދަވަނީ ފުއްދަވައި ދެއްވަމުންނެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މަސްވެރިންނަށް ނުދައްކާ ހުރި ފައިސާ ދައްކާ ޚަލާސްކޮށް، 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ އަންނަނީ ދޫކުރަމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި މަސްވެރިން ބޭނުންވާ ހުރިހާ ވަސީލަތްތައް ގާއިމުކުރެވި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާ ހުރިހާ ކަމެއް ގާއިމުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.


