މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެކަމަށް ބެލެވޭ، ރާއްޖޭގެ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ކަމަށްވާ ފެލިވަރުގެ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިންމާ، އަންނަ އަހަރުގެ އޭޕްރީލް މަހު ބޭނުންކުރަން ފަށާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިދާޅުވެއްޖެއެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ފެލިވަރުގައި ޤާއިމުކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއެކު 100 ޓަނުގެ ބްރައިން ފްރީޒިންގ ސިސްޓަމެއް އަދި 80 ޓަނުގެ އާރް.އެސް.ޑަބްލިއު ސިސްޓަމެއްވެސް ހިމެނޭކަމަށެވެ. މި މަޝްރޫޢުގެ 69 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިވަގުތު ކުރިއަށްދަނީ ފެސިލިޓީގައި ޤާއިމުކުރަންޖެހޭ މެޝިނަރީޒް އިންސްޓޯލްކުރުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން އިންޖީނުގޭގެ މަސައްކަތާއި ލޮނުފެން ގުޅުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް މިފްކޯއިން ވިދާޅުވިއެވެ. މި މަސައްކަތްތައް ނިންމާ އަންނަ އޭޕްރީލް މަހު މުޅި ފެސިލިޓީ އޮޕަރޭޝަނަށް ގެނެވޭނެކަމަށް އެ ކުންފުނިން ލަފާކުރައްވައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި މިފްކޯގެ އެކި ފެސިލިޓީތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ. މިގޮތުން ފެލިވަރުގައި މި ބޮޑު ކޯލްޑް ސްޓޯރޭޖް ތަރައްޤީކުރުމުގެ މަސައްކަތް އިންޑިއާގެ ރައިނެކް އިންޑިއާ ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ފެލިވަރުގެ ކޯލްޑް ސްޓޯރޭޖާއެކު މަސްވެރިކަން ތިޔާގި ދުވަސްވަރު ބާނާ މަސް ރައްކާކޮށް ބޭރަށް ފޮނުވުމުގެ ކެޕޭސިޓީ ބޮޑުތަކުން އިތުރުވެގެންދާނެއެވެ. އެއާއެކު މަހަށް ހެޔޮ އަގެއް ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ. ހަމައެއާއެކު އަގުއެއްކޮށްގެން މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމަށް މަސް ޕްރޮސެސްކުރާ ކާރުޚާނާތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިފްކޯއިން އަންނަނީ ކުރަމުންނެވެ.
ފެލިވަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުންވަނީ ފެލިވަރުގެ ފަޅުން 5.7 ހެކްޓަރުގެ ބިން ހިއްކާފައެވެ. އަދި އެ ސަރަޙައްދުގައި 3 ޖެޓީވެސްވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން އާންމު ބޭނުންތަކަށްޓަކައި ތަރައްޤީކޮށްފައިވާ ޖެޓީއަކާއި މަސްކިރާ ޖެޓީއެއްގެ އިތުރުން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓުކުރުމަށް ޚާއްސަ ޖެޓީއެއްވެސް ހިމެނެއެވެ. އެމްޓީސީސީއާއި ހަވާލުކުރި މި ޖެޓީތަކުގެ މަސައްކަތް މިހާރުވަނީ ނިންމާލާފައެވެ.
ސަރުކާރުން ވިދާޅުވަނީ ފެލިވަރަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަމާ ގުޅުންހުރި މަސައްކަތްކުރަމުންދާ ފެސިލިޓީ ކަމަށާއި، މި ފެސިލިޓީ ތަރައްޤީވެގެންދިޔުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބޮޑުތަކުން ކުރިއަރާނެ ކަމެއްކަމަށެވެ.


