އައްޑޫ ސިޓީގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓެއްގެ ގޮތުގައި ކުރިއަށްގެންދާ ކަމެއްކަމަށް އެމްއެންޑީއެފްއިން ހާމަކުރައްވައެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ސ. ހިތަދޫގައެވެ. ހަވާ އެރުވުން ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 22:15 ގައެވެ. މި ހަރަކާތް ކުރިއަށްދާނީ ޖުމްލަ 3 މިނެޓުގެ ވަގުތަށެވެ.
މި ހަވާ އެރުވުމުގެ ހަރަކާތަކީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއީ އެމްއެންޑީއެފްގެ ހިދުމަތްތައް އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ އުސޫލުން ފޯރުކޮށްދިނުމުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ.
އެމްއެންޑީއެފްއިން މީގެ ކުރިންވެސް ވަނީ އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ޙަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައި ހަވާ އަރުވައިދީފައެވެ. އަދި ރާއްޖޭގައި ފާހަގަކުރާ ބައެއް ޚާއްސަ އިޙްތިފާލުތަކާ ދިމާކޮށްވެސް އެމްއެންޑީއެފްގެ ފަރާތުން ހަވާ އެރުވުން ކުރިއަށްގެންދެއެވެ.


