ފުއްޕާމެޔަށް ޑީސަލް އެޅުނު ވެމްކޯ މުވައްޒަފު އަދިވެސް އޮތީ އައި.ޖީ.އެމް.އެޗް.ގެ ވެންޓިލޭޓަރަކާ ގުޅާފައި ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އޭނާގެ ފުއްޕާމެޔަށް ޑީސަލް އެޅުނީ، ގއ. ދިޔަދޫ ސައިޓްގައި ޖަނަރޭޓަރަކަށް ޑީސަލް އަޅަންވެގެން، ޑީސަލް ހަމަކަށް ހޮޅިއެއްގެ އެއް ކޮޅު ލުމަށް ފަހު، އަނެއް ކޮޅުގައި އަނގަޖަހައި ދަމާލުމުން، ޑީސަލް ބޮވިގެންނެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި އެ ޙާދިސާގައި ފުއްޕާމެޔަށް ޑީސަލް އެޅުނު ވެމްކޯ މުވައްޒަފަކީ، ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ޢުމުރުން 37 އަހަރުގެ މުޙައްމަދު ޝާހު ނަމަކަށް ކިޔާ މީހެކެވެ.
އޭނާއަށް ފުރަތަމަ ފަރުވާދީފައިވަނީ ގއ. ގެމަނަފުށީ ޞިއްޙީ މަރުކަޒުގައެވެ. އެއަށް ފަހު އިތުރު ފަރުވާއަށް، އެ އަތޮޅު ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު، މިހާރު އޭނާ މާލެ ގެނެސް، އައި.ޖީ.އެމް.އެޗް.ގައި އަންނަނީ ފަރުވާ ދެމުންނެވެ.
އައި.ޖީ.އެމް.އެޗް.ގެ މީޑިޔާ އޮފިޝަލް މިއަދު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މީހާއަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައި.ސީ.ޔޫ.ގައި ވެންޓިލޭޓަރުގައި ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އިތުރު ފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޢާއިލާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް މީގެ ކުރީން ވިދާޅުވީ ،އެ ޙާދިސާ ހިނގި އިންޖީނުގޭގައި، ތެޔޮ އަޅާނެ ރޭމްޕްތަކާއި ހުރިހައި އިންތިޒާމެއް ވެސް ހަމަޖެހިފައި ހުރި ކަމަށެވެ. ވީމާ، އެ މުވައްޒަފަށް އެ ގޮތަށް ދިމާވީ މަސައްކަތް އަވަސްކުރަން އުޅުމުގެ ސަބަބުން ކަމަށް މުޖުތަބާ ވިދާޅުވިއެވެ.


