އަންނަ 2026 ވަނަ އަހަރުގެ ހުރިހައި ދުވަހެއްގައި ކައިވެނިކޮށްދިނުމަށް ކަނޑައަޅައި، ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ގަޑިތައް ފެމިލީ ކޯޓުން އަދު ޢާންމުކޮށްފިއެވެ.
ރަސްމީ ދުވަސްތަކާއި، ހުކުރު ހޮނިހިރު ފިޔަވައި އެހެން ބަންދު ދުވަސްތަކުގައި، ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން 11:30 އަށެވެ. އަދި މެންދުރުފަހު 1:00 އިން 1:30 އަށެވެ. އަދި ހަވީރު 3:00 އިން ރޭގަނޑު 9:30 އަށެވެ.
ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ހަމަޖެހިފައިވާ ގަޑިތައް ވެސް ފެމިލީ ކޯޓުން ވަނީ ޙިއްޞާކޮށްފައެވެ. އެ ގޮތުން، އަންނަ އަހަރު ކޯޓުން ބޭރުގައި ކައިވެނިކޮށްދޭން ހަމަޖެހިފައިވަނީ، ހަވީރު 3:00 އިން ފެށިގެން ރޭގަނޑު 9:30 އަށެވެ.
މީގެ އިތުރުން، ހަފްތާ ބަންދުގައި ކައިވެނިކޮށްދޭ ގަޑިތައް ވެސް އެ ކޯޓުން ވަނީ އިޢުލާންކޮށްފައެވެ. ހުކުރު ދުވަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ، ހަވީރު 3:00 އިން ރޭގަނޑު 9:30 އަށެވެ. އަދި ހޮނިހިރު ދުވަހު ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 10:00 އިން ރޭގަނޑު 9:00 އަށެވެ.
ފެމިލީ ކޯޓުން ބުނީ، ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑިތައް، އެ ކަަމަށް އެދި ހުށަހެޅުމުން، ކޯޓުގެ ތާވަލަށާއި ހުށަހަޅާ ފަރާތުގެ ތާވަލަށް ރިޢާޔަތްކުރުމަށް ފަހު ހަމަޖައްސައިދޭނެ ކަމަށެވެ.
އަދި އަންނަ އަހަރުގެ ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް ކޯޓުން ފަހުން އިޢުލާނުކުރާނެ ކަމަށް ވެސް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.


