ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް އެ ކުލަބުގައި މަޑުކޮށްދިނުމަށް ކެޕްޓަން ވާޖިލް ވެންޑައިކް އެދެފި އެވެ.
ވެންޑައިކް މިހެން ބުނީ މި ފެށޭ ޖެނުއަރީ ޓްރާންސްފަރގައި ސަލާހު ޓީމު ދޫކޮށް ދާނެކަމަށް މީޑިއާގައި ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.
”އަހަރެންގެ ޒިންމާ އެއް ކެޕްޓަނެއްގެ ގޮތުން ކުޅުންތެރިން ކުރާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަކީ. އަހަރެން ސަލާހް ކުރެން އެދުނީ އޭނާ ލިވަޕޫލްގައި މަޑުކުރަން. ސަބަބަކީ އޭނާ އަކީ މި ކުލަބުގެ ލީޑަރެއް. އޭނާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އަހަރެން އިތުރަށް އޭނާއާ ދެއްކި ވާހަކަތައް ނުބުނާނަން. މިވަގުތު އޭނާ އެދަނީ އެފްރިކާ ކަޕަށް. އަހަރެން އެދެނީ އޭނާ އަށް ކާމިޔާބު ލިބުން،“ ވެންޑައިކް ބުންޏެވެ.
ލިވަޕޫލާއި ސަލާހާ ދެމެދު މައްސަލަ ޖެހުނީ ޖެހިޖެހިގެން 3 މެޗުން ފުރަތަމަ 11 އިން ޖާގަ ނުދިން މައްސަލަ އެވެ. މިކަމާ ހުރެ ސަލާހް މީޑިއާއަށް ދިން ވަރުގަދަ އިންޓަރވިއުއަކާ ގުޅިގެން ހުޅުގަނޑު ފަޅައިގެން ދިޔައެވެ. އެ އިންޓަރވިއުގައި އޭނާ ބުނީ ކޯޗާ އެއްކޮށް ގުޅުން ކެނޑިފައިވާ ކަމަށާއި ފާއިތުވެދިތަ ނުވަ އަހަރު ލިވަޕޫލްގައި އޭނާ ކުރި މަސައްކަތަށް ބަލާއިރު އޭނާ އަކީ ފުރަތަމަ 11 އިން ޖާގަ ހޯދަން ވާދަކުރަންޖެހޭ ކުޅުންތެރިއެއް ނޫން ކަމަށެވެ. މިކަމާ ގުޅިގެން އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އިންޓަރމިލަނާ ލިވަޕޫލް ކުޅުނު މެޗުން އޭނާ ބޭރު ކުރިއެވެ. ނަމަވެސް ކޯޗާއި މެނޭޖްމަންޓާއެކު ބޭއްްވި ބައްދަލުވުމަކަށްފަހު އެންމެ ފަހުން ލިވަޕޫލުން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން އޭނާއަށް ފުރުޞަތު ދިނެވެ. މި މެޗްގައި އޭނާއަށް ފުރުޞަތު ދިނީ ޖޯ ގޮމޭޒް އަނިޔާ ވުމާ ގުޅިގެން އޭނާގެ ބަދަލަކަށެވެ.
ސަލާހްގެ މައްސަލަ ހައްލު ކުރަން ވެންޑައިކް ތެދުވިއިރު ކޯޗާއި ކުޅުންތެރިން ޖެހޭ މައްސަލަތައް ހައްލު ކުރަން އެންމެ އިސްކޮށް މަސައްކަތް ކުރަންޖެހޭ މީހަކީ ކެޕްޓަން ކަމަށް ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ވަނީ ބުނެފަ އެވެ.
ސަލާހް އެފްރިކާ ކަޕަށް ފަހު އަލުން ލިވަޕޫލަށް އަންނާނެކަން ޔަގީނެއް ނޫނެވެ. އޭނާ ގަތުމަށް ސައޫދީ އަރަބިއާގެ ކުލަބުތަކުން ތިބީ ތައްޔާރަށެވެ.


