ހދ.ހަނިމާދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޑިސެންބަރުމަހުގެ 17 ވަނަ ދުވަހު، ހދ.ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުން ދިޔަ މުހިއްމު ޚިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރަމުންނެވެ. މިގޮތުން އިމިގްރޭޝަންގެ ދަށުން ދޭ ޕާސްޕޯޓާއި، އައިޑީކާޑުގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއްރަށުގައި މިޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
ޕާސްޕޯޓު އަދި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުން އަންނަނީ، ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރު ކުރަމުންނެވެ. މިޚިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު މާލީގޮތުން ރައްޔިތުން އުފުލަމުން ދިޔަ ބޮޑު ބުރައަކަށް ނިމުމެއް އަންނާނެއެވެ.


